Ads by PNC

ޚަބަރު

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް: ޤާސިމް

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް: ޤާސިމް

މާމިގިލީ ދާއިރާގެ މިހާރުގެ މެންބަރު ޤާސިމް އިބްރާހިމް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 މާރިޗު 2026، 10:44

09 މާރިޗު 2026، 10:44

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް، ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި އަދި މާމިގިލީ ދާއިރާގެ މިހާރުގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަން ޖެހޭކަމެއް ކަމަށް އެ މަނިކުފާނު ޤަބޫލުކުރައްވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަޤާމުގައި ވެސް ހުންނެވި ޤާސިމް އިތުރަށް ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް ރިޔާސީ އިންތިޚާބަށްފަހު ދެން މަސައްކަތް ކުރަނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށާއި، 2019 ވަނަ އަހަރާއި 2023 ވަނަ އަހަރު އެކަން ސާބިތުވެފައިވާކަމަށެވެ. އެގޮތުން އެ ފަހަރުތަކުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަޤީޤަތެކެވެ. 2019 އަދި 2023 ގެ އިންތިޚާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވެއެވެ. އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން 5 އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބު ކުރާފަރާތަށް މިޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ 6 މަސްދުވަސް އެކަމުގައި ހޭދަކުރާށެވެ."

ޤާސިމް ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިޚާބަށްފަހު ފުރަތަމަ 6 މަސްދުވަހު ކުރީގެ މަޖިލީހުން އަލަށް އިންތިޚާބުވާ ސަރުކާރަށް ޖެއްސުންކޮށް، އެ ސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވާކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުން ގެންނެވި މި އިސްލާޙް ރައީސް ތަސްދީޤް ކުރައްވާނީ، ރައްޔިތުން މިކަމަށް އާބަސް ބުނުމުންކަމަށްވާތީ، ޤާސިމްގެ އެދިވަޑައިގަތުމަކީ އަންނަ އެޕްރީލް މަހު، ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އެކު އޮންނަ ރައްޔިތުންގެ "ފެންނަނުފެންނަ" ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެގޮތަށް "ފެންނަ" ކަމަށް ވޯޓު ދެއްވުން ކަމުގައި ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބާއެކު މަޖިލިސް އިންތިޚާބު ބޭއްވުމުން ހުރިހާގޮތަކުންވެސް ފައިދާ ބޮޑުވާނީ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން، ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިޔަނަށްވުރެ ގިނަ ފައިސާ ސަލާމަތްކުރެވޭނެ ކަމަށާއި، އެފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިޚާބާ ގުޅުންހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތައްވެސް މީގެ ސަބަބުން ކުޑަވެގެންދާނެކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450