ދުނިޔެ
އީރާނުގެ އައު ރޫޙާނީ ލީޑަރަކަށް އަލީ ޚާމަނާއީގެ ދަރިކަލުން މުޖްތަބާ އައްޔަނުކޮށްފި
ޝަހީދުކޮށްލެވުނު އަލީ ޚާމަނާއިގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ
އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެ މަނިކުފާނުގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އީރާނުގެ އައު ރޫޙާނީ ލީޑަރުގެ މަގާމަށް އައްޔަނުކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކެއްގައި އަލީ ޚާމަނާއީ އަވަހާރަކޮށްލިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
އުމުރުފުޅުން 56 އަހަރުގެ މުޖްތަބާ ޚާމަނާއީ މި މަގާމަށް އައްޔަނުކުރެއްވީ އާދީއްތަ ދުވަހު އީރާނުގެ ދީނީ އިލްމުވެރިންގެ މަޖިލީހުންނެވެ. އީރާނުގެ އިސްލާމީ އިންގިލާބަށް 47 އަހަރުވެފައިވާއިރު، މިއީ އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކްރައިސިސްގެ ތެރޭގައި އައި ބަދަލެކެވެ. އީރާނުގެ ބާރުގަދަ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އާއި އަސްކަރިއްޔާއިން ވަނީ އައު ލީޑަރަށް ބައިއަތު ހިފާފައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ ވަނީ އައު ލީޑަރުގެ ވަށައިގެން އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާފައެވެ. އަދި ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ އައު ރޫޙާނީ ލީޑަރަށް ތަބާވުމަކީ "ދީނީ އަދި ގައުމީ ވާޖިބެއް" ކަމަށެވެ.
މުޖްތަބާ ޚާމަނާއީއަކީ މީގެ ކުރިން ދުވަހަކުވެސް އިންތިޚާބީ މަގާމަކަށް ކުރިމަތިލައްވާފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް، އެ މަނިކުފާނަކީ އެތައް އަހަރުތަކެއް ވަންދެން ބައްޕާފުޅުގެ އަރިސް ބޭފުޅެއްގެ ގޮތުގައި އައި.އާރު.ޖީ.ސީ އާއެކު ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ނުފޫޒުގަދަ ބޭފުޅެކެވެ. މުޖްތަބާ އައްޔަނުކުރުމަކީ އީރާނުގެ ސަރުކާރުން ހަރުކަށި ސިޔާސަތުތަކުގައި ދެމިއޮންނާނެ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަލްޖަޒީރާގެ ރިޕޯޓަރު އަލީ ހާޝިމް ސިފަކުރެއްވި ގޮތުގައި މުޖްތަބާއަކީ ބައްޕާފުޅުގެ "ގޭޓްކީޕަރ" އެވެ. އެ މަނިކުފާނު ގެންގުޅުއްވާނީ އެމެރިކާއާއި އިސްރާއީލާ މެދު ބައްޕާފުޅު ގެންގުޅުއްވި ހަރުކަށި ސިޔާސަތުތައް ކަމަށާއި، މަޑުމޮޅި ސިޔާސަތެއް ފެންނާނެ ކަމަށް އުންމީދު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެންބަރެއް ކަމަށްވާ ހައިދަރީ އަލެކަސީރު ވިދާޅުވީ، އައު ލީޑަރު ހޮވާފައިވަނީ އަވަހާރަވި ލީޑަރުގެ ނަސޭހަތްޕުޅާ އެއްގޮތަށް ކަމަށެވެ. އެއީ އީރާނުގެ އެންމެ މަތީ ލީޑަރަކީ "ދުޝްމަނުންގެ ތައުރީފު ލިބޭ މީހަކަށް ވުމުގެ ބަދަލުގައި، ދުޝްމަނުން ނަފުރަތުކުރާ މީހަކަށް" ވާންޖެހޭނެ ކަމަށް ވިދާޅުވެފައިވާތީއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ މުޖްތަބާ ޚާމަނާއީއަކީ ބަލައިގަނެވޭނެ ލީޑަރެއް ނޫން ކަމަށެވެ.