ޚަބަރު
ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް އެއްބަސްވުމެއް
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި، އެމްއެންއެސްޑީއޭ ގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. އަދި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް މުޙައްމަދު އަޙްމަދެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކާއި ޓްރެއިނިންގ ޕެކޭޖް ތައްޔާރުކުރުމަށް ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި 5 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ ގެ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން ޕްރޮގުރާމު މެދުވެރިކޮށް ނޭޝަނަލް ސެޓްފިކެޓް ހާޞިލުކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، އެފަދަ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރައްވާނެ ނޭޝަނަލް އެސެސަރުން ރެޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވި، މި ދާއިރާއިން އަލަށް ތަމްރީނުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ވެސް ލިބިގެންދާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ނެތެމުންދާ ފަންނުތައް ދިރުވައި އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މިގޮތުން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ދަނީ މިފަދަ ދާއިރާތަކަށް ޚާއްޞަ ސްޓޭންޑަޑްތައް ތައްޔާރުކުރަމުންކަން ފާހަގަކޮށްލެވެއެވެ.