ޚަބަރު
ސަޢުދީއިން ރާއްޖެއަށް ހަދިޔާކުރި މުޞްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ފޯރުކޮށްދީފި
މުޞްޙަފްތައް/ފޮޓޯ: ވުޒާރާ
ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުޞްޙަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވި މިސްކިތްތަކަށް ފޯރުކޮށްދީފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރަމަޟާން މަހުގެ ކުރިއަށް މަސައްކަތް ނިންމާ މި މިސްކިތްތައް ހުޅުވާފައިވާއިރު، ކޮންމެ މިސްކިތަކަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި މުޞްޙަފް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން މުސްޙަފް ފޯރުކޮށްދެވިފައިވާ މިސްކިތްތަކަކީ މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)، މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ)، މަސްޖިދުއްތަޢުބާ (ނ. މަނަދޫ)، މަސްޖިދު ރައްޔާން (ސ. މަރަދޫ)، މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)، މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި)، ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)، މަސްޖިދު ޒުވައިދާ އަޙްމަދު (ހއ. އިހަވަންދޫ)، މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)، މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)، މަސްޖިދު މުޙައްމަދު ޤާސިމް (ނ. ކުޑަފަރި)، މަސްޖިިދު ޝަމީމާ ޢަބްދުﷲ (ނ. ކެނދިކުޅުދޫ)، މަސްޖިދުލް ސަލާމް (ލ. ގަން) އަދި މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ) އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، 2025 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ދެ ބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500 މުސްޞްޙަފް ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މި މުޞްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ. އެގޮތުން، އެކި ޤުރުއާން ކުލާސްތަކަށް އެ ވުޒާރާއިން އަންނަނީ މި މުސްޙަފްތައް ހަދިޔާކުރަމުންނެވެ.
ސަޢުދީ ޢަރަބިއްޔާއިން މުޞްޙަފް ހަދިޔާކުރުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ހާމަވަގެންދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.