ދުނިޔެ
ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ޤައުމުތަކުން ހަނގުރާމަ ހުއްޓާލުމަށް ޤަތަރުން ގޮވާލައިފި
ޤަތަރުގެ ބޮޑުވަޒީރު--
މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ޤައުމުތަކުން ހަނގުރާމަ ހުއްޓާލުމަށް ޤަތަރުން ގޮވާލައިފި އެވެ.
ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އަލް ތާނީ ވަނީ މެދުއިރުމަތީގެ މި ހަނގުރާމައާ ގުޅޭގޮތުން 'ސްކައި ނޫސް' އަށް އިންޓަވިއުއެއް ދެއްވައިފައެވެ.
މި އިންޓަރވިއުގައި ވާހަކަދައްކަވަމުން ޤަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، ހަނގުރާމައާއި ގުޅިގެން އީރާނުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި، ޤަތަރުން ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، ފަހަކަށް އައިސް ހިނގި ކަންތައްތަކުގެ ސަބަބުން އީރާނާ އެކު އޮތް ގުޅުމުގެ އިތުބާރަށް އަސަރުކޮށްފައިވާކަން ޤަތަރުގެ ބޮޑުވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.
އެމެރިކާގެ ފަރާތުން ބޭނުންވަނީ ހަނގުރާމަ ހުއްޓާ މަންޒަރު ފެންނަން. އަޅުގަނޑުމެން މިކަމަށް ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެއް. އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ވެސް، އެމީހުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދައިދޭ ފަދަ ހައްލެއް.
ޤަތަރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އަލް ތާނީ ވިދާޅުވީ، މި ދަނޑިވަޅުގައި ފުރަތަމަ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އީރާނުން ގަލްފްގެ ޤައުމުތަކަށް ދޭ ހަމަލާތަކާއި މި ހަނގުރާމައިގައި އެކުލެވިފައި ނުވާ، ހަނގުރާމައާ އެއްވެސް ގުޅުމެއް ނެތް އެހެން ޤައުމުތަކަށް ދޭ ހުރިހާ ހަމަލާއެއް ހުއްޓުވުމަށް ކަމަށެވެ.
އެމެރިކާ އާއި އިސްރާއީލުން ގުޅިގެން މިދިޔަ ހަފްތާގައި އީރާނަށް ދޭންފެށި ހަމަލާތަކުގެ ސަބަބުން އީރާނުން ވަނީ، އިސްރާއީލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ބައެއް ޤައުމުތަކަށް ހަމަލާދީފައެވެ.