ޚަބަރު
އަބްރާރު ޢުމްރާ ގްރޫޕްގެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފި
އަބްރާރު ގްރޫޕު / ފޮޓޯ: އަބްރާރު ގްރޫޕް - ފޭސްބުކް
ފަރުދުން
09 މާރިޗު 2026، 09:40
09 މާރިޗު 2026، 09:40
ރަމަޟާން މަހުގެ ފަހު 10ގައި ޢުމްރާއަށް ގެންދިއުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ފުރަން ތައްޔާރުވެފައި ވަނިކޮށް ދަތުރު ކެންސަލްކުރި އަބްރާރު ޢުމްރާ ގްރޫޕްގެ މައްސަލަ ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅޭ މަޢުލާމާތު އެންމެ ފުރަތަމަ ފުލުހުން ހާމަކުރީ މި މަހުގެ 4ވަނަ ދުވަހުއެވެ. އޭރު ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އަބްރާރު ގްރޫޕުގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 10ގައި ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ 110 މީހުންނެވެ. އަދި އިސްލާމީ ކަންތަކާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ގްރޫޕުން ދަތުރު ކެންސަލްކުރީ މަޤުބޫލު ސަބަބެއް ނެތިކަން، އޭރު ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން އެ ގްރޫޕްގެ ޙުއްދަ ވަގުތީ ގޮތުން ބާޠިލުކޮށްފައިވާކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ޢުމްރާގެ އަޅުކަމަށް ދިއުމަށް އަބްރާރު ގްރޫޕުން ވަނީ މީހެއްގެ އަތުން 45،000 ރުފިޔާ ނަގާފައެވެ. ފުލުހުން ވިދާޅުވީ ފުރަން އޮތް ދުވަހުގެ މެންދުރެއްހާއިރު އެ ގްރޫޕުން ދަތުރުވެރިންނަށް އަންގާފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ވާނެ ގޮތެއް ނޭނގޭތީ ފުރުން ކެންސަލްވި ކަމަށެވެ.
އިސްލާމީ ކަންތަކާބެހޭ ވުޒާރާއިން ވަނީ ޢުމްރާއަށް ނުފުރި ތިބި 164 މީހުން ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއް ޗާޓަރު ކޮށްގެން އާދިއްތަ ދުވަހުގެ ރޭ ފުރުވާލައިފައެވެ. އެ މީހުން މައްކާގައި ތިބުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.