ޚަބަރު
މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މިމަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދަނީ
1447 ވަނަ އަހަރުގެ ހަނދު ސާބިތު ކުރުން ފޮޓޯ: ވުޒާރާ
މިއަހަރުގެ ފިޠުރު ޢީދާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ރަސްމީ ކަންކަން، މި ހިނގާ މާރިޗު މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ޑީޖޭއޭ އިން މިއަދު ނެރުއްވި އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ބެލުމާއި، ހަނދު ފެނުނުކަމުގެ ހެކިބަސް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓަކު ނެތް ރަށެއްނަމަ، އެވަގުތަކު އެ ކޯޓަކާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެއެވެ.
ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ 18 މާރިޗުވާ ހޯމަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ޑީޖޭއޭ އިން އިތުރަށް ބުނީ، ހަނދު ދުށް މީހަކު ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާއަކަށް ޙާޟިރުވެ މަޢުލޫމާތު ދޭންޖެހޭނެ ކަމަށެވެ. މިގޮތުން މަޢުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މުހިންމު މަޢުލޫމާތުތައް ހިއްސާކުރަންވާނެއެވެ. އަދި ހެކިބަސް އަދާކުރުމަށްޓަކައި އެހެން ރަށަކަށް ދަތުރުކުރަން ޖެހިއްޖެނަމަ، އެ މީހެއްގެ އައުމާއި ދިއުމުގެ ޚަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބާއްވާ ޚާއްސަ ޖަލްސާވެސް އެރޭ އޮންނާނެއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި މަހުގެ 20 ވާ ބުދަ ދުވަހެވެ.