ޚަބަރު
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރަށް ކުރިމަތިލުމަށް ހުޅުވާލައިފި
ވަޠަނީ ޚިދުމަތުގެ ބައިވެރިން. ފޮޓޯ: އެމްއެންޑީއެފް
އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައާރަފްކުރެއްވި "މޯލްޑިވްސް ނެޝަނަލް ސާވިސް" (ދިވެހި ވަތަނީ ހިދުމަތުގެ) ތިންވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސުން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ހުރިހާ ޒުވާނުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. މީގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާއެކު، ފުރިހަމަ ސިއްހަތެއްގައި ހުރި ނަމަ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. މި ތަމްރީންތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މި ޚިދުމަތުގެ ފުރަތަމަ ބެޗުގައި 108 ރަށަކުން 350 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. މީގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެމްބަރު މަހު ތަމްރީން ފުރިހަމަކޮށް ދަސްވެނިވެފައެވެ. އަދި ދެވަނަ ބެޗުގެ ތަމްރީނުތަކަށް 350 ޒުވާނުން މިދިޔަ ޖެނުއަރީ 24 ގައި ވަނީ މާފިލާފުށްޓަށް ފުރާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ޖުމްލަ 1,000 ޒުވާނުން މި ތަމްރީންތައް ފުރިހަމަކުރުމެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.