ޚަބަރު
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް އެޗްއާރްސީއެމް އިން ބަލަނީ
އެޗްއާރްސީއެމް/ފޮޓޯ: އެމްއެމްޓީވީ
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލަ އެޗްއާރްސީއެމުން ތަޙުޤީގުކުރަމުންދާކަމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އެ ކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. ހަމަ އެހެންމެ، މި ތުހުމަތުތަކާ ގުޅިގެން ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އަދި ބަންދުގެ އިޖުރާޢަތްތަކުގެ ތެރެއިން މަޢުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފަ އެވެ.