Ads by PNC

ޚަބަރު

ޖަޕާނު މާކެޓުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިތުރަށް ފުޅާކުރުމަށްޓަކައި މުހިންމު މަޝްވަރާތަކެއް!

ޖަޕާނު މާކެޓުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިތުރަށް ފުޅާކުރުމަށްޓަކައި މުހިންމު މަޝްވަރާތަކެއް!

މަޝްވަރާ ބައްދަލުވުމުގެ ތެރެއިން/ފޮޓޯ:ވުޒާރާ

10 މާރިޗު 2026، 02:52

ޖަޕާނު މާކެޓުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިތުރަށް ފުޅާކުރުމަށްޓަކައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ މިފްކޯގެ ވަފުދެއް މިހާރު ޖަޕާނުގެ ޓޯކިޔޯއަށް ކުރަމުންދާ ރަސްމީ ޒިޔާރަތުގެ ތެރެއިން، ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. ޖެޓްރޯއަކީ ޖަޕާނު ސަރުކާރުގެ ފަރާތުން ބޭރުގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދޭ މައި އިދާރާއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ޖަޕާނުގެ މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމާއި، އެކަމުގައި ޖެޓްރޯގެ ފަރާތުން ފަންނީ އަދި އިދާރީ ގޮތުން ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ. މީގެ އިތުރުން، ދިވެހި މަހުގެ އުފެއްދުންތަކަށް ޖަޕާނުން އޮތް ޑިމާންޑް އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކަށް ވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450