ޚަބަރު
ގަލްފު ޤައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ފޮރިންގ މިނިސްޓަރ ޑރ ޢަބްދުﷲ ޙަލީލް
އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފްގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ވަނީ ރަސްމީ ބަޔާނެއް ނެރެފައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ގަތަރު، ކުވެއިތު، ބަޙްރައިން އަދި އެހެނިހެން ޤައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. ވަކިން ހާއްސަކޮށް، ގަލްފް ސަރަޙައްދުގެ އެއަރޕޯޓްތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ގަލްފްގެ ޤައުމުތަކުން އެއްވެސް ބަދަލުހިފުމުގެ ޢަމަލެއް ހިންގާފައި ނުވަނީސް، އީރާނުން އެ ޤައުމުތަކަށް ހަމަލާ ދެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. ހަމައެއާއެކު، އިސްރާއީލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދޭން ފެށި އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިފަދަ ޢަމަލުތަކުގެ ސަބަބުން ގަލްފް ސަރަޙައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ސުލްހައިގެ ފުރުސަތުތައް ހަނިވަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ. އެހެންކަމުން، މަސްރަޙު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާން ނިންމާލަމުން، މި ސަރަޙައްދަށް ސުލްހަ އާއި ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.