Ads by PNC

ޚަބަރު

މިއަހަރުގެ "ޢީދު ހަވީރު" ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރަނީ

މިއަހަރުގެ "ޢީދު ހަވީރު" ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރަނީ

ޢީދުގެ ޙަރަކާތްތައް/ފޮޓޯ: އެމްއެންޑީއެފް

11 މާރިޗު 2026، 01:16

 މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން، ކުރީ އަަހަރުތަކެކޭ އެއްފަދައިން ''ޢީދު ހަވީރު 1447'' ޤައުމީ ފެންވަރުގައި ތިން ދުވަހު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މި ޙަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ފެށިގެންދާނީ ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޢީދު ހަވީރަށް ޢާންމުންގެ ފަރާތުން މިދިޔަ އަހަރު ލިބުނު ތަރުޙީބަށް ބަލައި މިފަހަރު "ޢީދު ހަވީރު 1447" ތިން ދުވަހަށް ކުރިއަށްގެންދާއިރު، މާލޭގައި ޙަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަޙައްދު ހިމެނޭ ގޮތަށް ކަމަށެވެ. އަދި  މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަޙައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ޢީދު ހަވީރުގެ ޙަރަކާތްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހުމާއެކު ސަލްޓަން ޕާކް ފިޠުރު ޢީދު ދުވަހު ހުޅުވާގޮތަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން ވެސް އޮންނާނެއެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެންނެވެ. މި ދުވަހު އެމްއެންޑީއެފްގެ ޚާއްޞަ ހަރަކާތްތަކެއް ވެސް އޮންނާއިރު، އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450