ޚަބަރު
ޤާނޫނުއަސާސީ އިޞްލާޙު ކުރިއިރު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ހުށަހެޅި: ނާޒިމް
އަހްމަދު ނާޒިމް/ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރިއިރު ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިހާޚާބު އެއް ދުވަހެއްގައި ބާއްވަން ހުށަހެޅިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަނީ، ޤާނޫނުއަސާސީ އިޞްލާޙު ކުރިއިރު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ހުށަހެޅި ކަން ހާމަވާ ޕޯސްޓެއް މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ.
މިކަމާއި ގުޅިގެން ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ ޢާންމު އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ބަހުސްކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާޢީދުލިބި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާތީކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ނާޒިމް ވަނީ އެ ތިން އިޞްލާޙުވެސް ޢާންމު ކުރައްވާފައެވެ.
އެކަމާ ގުޅޭގޮތުން ޚާއްޞަ މަޖިލީހަށް ހުށަހެޅުނު އިޞްލާޙުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި އިޞްލާޙަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙެއް.
ނާޒިމް ވިދާޅުވިއެވެ.
ދެ އިންތިޚާބުގެ ދޭތެރޭގައި ހޭދަވާ ކުރު މުއްދަތުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި، ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން އަދި ވޯޓުލާ މީހުންނަށްވެސް ބުރައަކަށް ވެގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ހާމަކޮށްފައެވެ. އެހެންވެ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ކުރީގެ ސަރުކާރުތަކަށްވެސް ޚިޔާލު ހުށަހެޅި ކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީ އާއި ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލިއެންސް (އެމްޑީއޭ) އިން ވެސް ތާޢީދުކުރާކަން ވަނީ ހާމަކޮށްފައެވެ. އެކަމާއި ދެކޮޅީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުاللهގެ ޕީއެންއެފްއެވެ.