Ads by PNC

ޚަބަރު

ދަނޑުވެރި ނަފާ ލޯނު: 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ދަނޑުވެރި ނަފާ ލޯނު: 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ރާއްޖޭގެ ދަނޑެއް ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މާރިޗު 2026، 02:04

11 މާރިޗު 2026، 02:04

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، މި ލޯނު ޕްރޮގްރާމަކީ އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ގުޅިގެން ދަނޑުވެރިންނަށް އެހީތެރިވުމަށް ހިންގާ މަޝްރޫޢެއް ކަމަށެވެ. މިހާތަނަށް ދޫކުރެވުނު 20,301,517 (ވިހި މިލިއަން ތިންލައްކަ އެއްހާސް ފަސްސަތޭކަ ސަތާރަ) ރުފިޔާގެ ތެރޭގައި ހިމެނެނީ 5 ކުންފުންޏަކާއި، 44 ފިރިހެނުން އަދި 5 އަންހެނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

2019 ވަނަ އަހަރުން ފެށިގެން ދޫކުރަމުންދާ މި ލޯނަކީ ބިމުގައި ކުރާ ދަނޑުވެރިކަމުގެ އިތުރުން، ޒަމާނީ ދަނޑުވެރިކަމާއި، ގަހުގެ ނާސަރީތައް ހެދުމާއި، އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކުރުން ނުވަތަ ވެލިއު އެޑިޝަންގެ މަސައްކަތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ދަފްތަރުގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން ރަޖިސްޓްރީވެފައިވީ ނަމަވެސް، މިހާތަނަށް ލޯނު ލިބިފައިވަނީ މަދު ބަޔަކަށްކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މި ލޯނު ދޫކުރަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ އެއްލައްކަ ރުފިޔާއާ ހަމައަށް ދޫކުރާ ލޯނާއި، އެއްލައްކައިން ފެށިގެން 2 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު 6 އިންސައްތަ އިންޓަރެސްޓް ނަގާއިރު، އެއްލައްކަ ރުފިޔާގެ ލޯނު ދެއްކުމަށް 3 އަހަރު އަދި 2 މިލިއަން ރުފިޔާގެ ލޯނު ދެއްކުމަށް 7 އަހަރުގެ މުއްދަތެއް ލިބެއެވެ.

ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން، އދ. އަރިއަދޫގައި ރުއް އާލާކުރާ މައި މަރުކަޒެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެރަށުގެ ތިމާވެށީގެ އެސެސްމަންޓާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ދަނޑުވެރިކަމުގެ ތަމްރީނު ދިނުމުގެ ގޮތުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 31 ރަށެއްގައި ޕްރޮގްރާމްތައް ހިންގާފައިވާކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މި ތަމްރީނުތަކުގައި ޖުމްލަ 845 ފަރާތަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450