ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި 2 މީހުން/ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތ. އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ކިނބިދޫ / ޗަންޕާމާގެ، ޢަބްދުﷲ ރަޝީދު (41އ) އާއި ތ. ބުރުނި / ބީޗްވިލާ، މުޙައްމަދު މުނީރު (30އ) އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެ މީހުންގެ ތެރެއިން ޢަބްދުﷲ ރަޝީދު ހައްޔަރުކޮށްފައިވަނީ ކިނބިދޫއިން ކަމަށެވެ. އެގޮތުން، މި މާރިޗު މަހުގެ 9 ވަނަ ދުވަހު ކިނބިދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، މުޙައްމަދު މުނީރު ހައްޔަރުކޮށްފައިވަނީ ބުރުނީ ބަނދަރު ސަރަޙައްދުން ކަމަށާއި، އޭނާއާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ރަޝީދު 10 ދުވަހަށް އަދި މުޙައްމަދު މުނީރު 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.