Ads by PNC

ޚަބަރު

ބޯހިޔާވަހިކަން އެންމެނަށް: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް އިސްލާޙެއް

ބޯހިޔާވަހިކަން އެންމެނަށް: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް އިސްލާޙެއް

ބޯހިޔާވަހިކަމަށް އެދި ހުށައެޅުން.ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މާރިޗު 2026، 10:14

11 މާރިޗު 2026، 10:14

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މިހާރު މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތަކަށެވެ. މީގެ ކުރިން ކަނޑައަޅާފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަކަށް ނުހިނގާނެ ގޮތަށްވެސް އުސޫލަށް ވަނީ ބަދަލު ގެނަސްފައެވެ. އެއީ، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ، މަދުވެގެން 1 އަހަރު ދުވަސް އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވާންޖެހޭނެ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ޝަރުތެވެ.

އަލަށް ގެނައި އިސްލާހުގެ ދަށުން، ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވަތަ މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާޢިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ތެރެއިން، މީގެ ކުރިން ޝާއިޢުކޮށްފައިވާ އުސޫލަށް ގެނައި މި އިސްލާޙާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ވަކިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި ކެޓަގަރީން ބޯހިޔާވަހި ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މި ހިންގާ މާރިޗު މަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ، https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ކެޓަގަރީން ފުލެޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ގެޒެޓު ކުރެވިފައިވާ އިޢުލާނުގެ ޖަދުވަލުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ވުޒާރާގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އާ ދެމެދުގެ ނަންބަރުތަކަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450