ޚަބަރު
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތައް ދަނީ ދިރާސާ ކުރެވެމުން: ވަޒީރު ޚަލީލް
ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިޤްތިޞާދީ އަދި ސަލާމަތީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ވަރަށް ގާތުން ދިރާސާކޮށް ބަލަމުން އަންނަކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށާއި އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި އިޤްތިޞާދީ ހަމަޖެހުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ވަޒަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ޚަލީލް ވިދާޅުވީ، ހަނގުރާމަ ފެށުނުތާ ގާތްގަނޑަކަށް 6 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްސަ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު ބޭއްވި ކަމަށެވެ. އަދި އޭގެ ފަހުން ޖުމްލަ 5 ބައްދަލުވުމެއް ބާއްވައި، މި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މަސައްކަތްތައް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައި ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ދިމާވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މި ބައްދަލުވުންތަކުގައި ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށް ރިއާޔަތްކޮށް ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ތިބި ދިވެހި ރައްޔިތުންގެ ހާލަތު ކައިރިން ބަލަމުން ދިއުމާއި، ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް ދިމާވެދާނެ ގޮންޖެހުންތައް އަޅުގަނޑުމެން މިދަނީ ދިރާސާކޮށް ވަރަށް ގާތުން ބަލަމުން" ކަމަށެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޚަލީލު ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި އިޤްތިޞާދު ހިމާޔަތްކުރުމުގެ ދަށުން، އެއްވެސް ޤައުމަކުން ހަމަލާދިނުމުގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ރިކުއެސްޓެއް އަތުވެއްޖެ ނަމަ އެކަން ރިޖެކްޓް ކުރެވޭނެ ކަމުގެ ޔަގީންކަންވެސް ވަޒީރު އެރުވިއެވެ.
މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެއްޗާއި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުން ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހަރުދަނާ ނިޒާމެއްގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުމެވެ.