ރިޕޯޓް
މެދުއިރުމަތީގެ ހަނގުރާމަ، ތެލާއި ހަކަތައަށް ޖެހިދާނެބާ؟
މެދުއިރުމަތީގެ ހަނގުރާމަ، ތެލާއި ހަކަތައަށް ޖެހިދާނެބާ؟
ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ އެމެރިކާއާއި އެބައެއްގެ ނުބައި ނުލަފާކަމަށް ނަން މަޝްހޫރު ވެފައިވާ އިޒްރާއިލުން އީރާނަށް ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ ޙާލަތު ނާޒުކު ފައްތަރަކަށް ވަނީ ވެއްޓިފައެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކަށްބޭރުކުރާ ތެލާއި ހަކަތައިގެ އެކި ބާވަތްތައް މެދު އިރުމަތީގެ ޤައުމުތަކުން ބޭރުކުރާއިރު އީރާނުގެ ހަމަލާތައް މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް އަމާޒުކޮށްފައިވުމުގެ ސަބަބުން ތެލާއި ގޭސް އަދި ހަކަތައިގެ އެހެންބާވަތްތައް އެޤައުމަތުކުން ބޭރުކުރުން މިވަނީ މިހާރު ހުއްޓުމަކަށް އައުމާއި ގާތުގައެވެ.
މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޕެޓްރޯލާއި ކައްކާ ގޭސް އަދި ހަކަތައިގެ އެހެނިހެން ބާވަތްތަކުގެ އަގު ދަނީ މަތިވަމުންނެވެ.
ދުނިޔޭގެ 150 އެއްހާ ޤައުމުގެ ހަކަތައިގެ އަގުތައް ދިރާސާކޮށް ޝާއިޢުކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރާއީލުން އީރާނަށް ދިން ހަމަލާތަކަށްފަހު، މަދުވެގެން 85 ޤައުމެއްގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. ބައެއް ޤައުމުތަކުން އަގަށް އަންނަ ބަދަލުތައް ހާމަކުރަނީ ކޮންމެ މަހެއްގެވެސް ނިޔަލަށް ކަމަށްވުމާއެކު، އޭޕްރީލް މަހުގެ ތެރޭގައި އިތުރު ގިނަ ޤައުމުތަކެއްގައި ތެލުގެ އަގު އުފުލޭނެ ކަމަށް ލަފާކުރެވެއެވެ.
ތެލުގެ އަގު އެންމެ ބޮޑަށް އުފުލިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވަނީ ކެމްބޯޑިއާގައެވެ. އެ ޤައުމުގައި ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 68 އިންސައްތަ އުފުލިފައެވެ. އެއީ ފެބުރުއަރީ 23 ގައި 95 އޮކްޓޭން ޕެޓްރޯލް ލިޓަރެއް 1.11 ޑޮލަރަށް ހުރި ނަމަވެސް، މާރިޗު 11 އަށް އައިއިރު އެ އަގު ވަނީ 1.32 ޑޮލަރަށް މަތިވެފައެވެ. ދެން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ވިއެޓްނާމުގައެވެ. އެއީ 50 އިންސައްތައެވެ. މީގެ އިތުރުން ނައިޖީރިއާގައި 35 އިންސައްތަ، ލާއޯސްގައި 33 އިންސައްތަ އަދި ކެނެޑާގައި 28 އިންސައްތަ ތެލުގެ އަގު ވަނީ ބޮޑުވެފައެވެ.
ހަނގުރާމަ ފެށުނު ފަހުން ހޯރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން، ތެލާއި ގޭސް ހޯދުމަށް އެ ސަރަހައްދަށް އިންތިހާއަށް ބަރޯސާވާ އޭޝިއާގެ ގައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ގަލްފުގެ ގައުމުތަކުން (ޕާޝިއަން ގަލްފް ނުވަތަ އަރަބި ގަލްފް) އުފައްދާ ތެޔޮ ބޭރު ދުނިޔޭގެ ބާޒާރުތަކަށް ފޯރުކޮށްދިނުމަށް އޮތް ހަމައެކަނި މަގަކީ، ގަލްފާއި އޮމާން ކަނޑު ގުޅުވައިދޭ މި ކަނޑުއޮޅިއެވެ.
މި ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާނާއި ދެކުނު ކޮރެޔާ ހިމެނެއެވެ. ޖަޕާނުން ބޭނުންކުރާ ތެލުގެ 95 އިންސައްތަ އަދި ދެކުނު ކޮރެޔާއިން ބޭނުންކުރާ ތެލުގެ 70 އިންސައްތަ އެތެރެކުރަނީ ގަލްފުގެ ސަރަހައްދުންނެވެ.
ހަކަތައިގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި އިރުމަތީ އޭޝިއާގެ މި ދެ ގައުމުން ވެސް ވަނީ ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން، މާޗް މަހުގެ 8 ވަނަ ދުވަހު ޖަޕާނުން ވަނީ، އެ ގައުމުގައި ރައްކާކޮށްފައި ހުރި ތެޔޮ ބޭނުންކުރަން ފެށުމަށް ތައްޔާރުވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު، ދެކުނު ކޮރެޔާއިން ވަނީ ވޭތުވެދިޔަ 30 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޕެޓްރޯލާއި ޑީސަލްގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް (ޕްރައިސް ކެޕް) ނިންމާފައެވެ.
ދެކުނު އޭޝިއާގެ ހާލަތު އިރުމަތީ އޭޝިއާއަށް ވުރެ ވެސް ގޯހެވެ. ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތަކަކީ މާލީ ތަނަވަސްކަން ކުޑަ އަދި ރައްކާކޮށްފައި ހުރި ހަކަތައިގެ މިންވަރު މަދު ގައުމުތަކަކަށް ވުމުން، މި ހަނގުރާމައިގެ ނޭދެވޭ އަސަރު އެ ގައުމުތަކަށް މާ ބޮޑަށް ކުރަމުންދެއެވެ.
ހަކަތަ އިގްތިސާދު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އެ ގައުމުގެ ހުރިހާ ސަރުކާރު އަދި އަމިއްލަ ޔުނިވަރސިޓީތަކެއް ވަގުތުން ބަންދުކުރުމަށް އަމުރުކޮށްފައެވެ. ހަމައެއާއެކު، ޕާކިސްތާނުގައި ސަރުކާރުގެ އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖައްސައި، ސްކޫލްތައް ބަންދުކޮށް، ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި 50 އިންސައްތަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ތެލުގެ އަގާއި ކާބޯތަކެތީގެ އަގަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ކަމެކެވެ. ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއިން ފެށިގެން، ދަނޑުތަކުން ސުޕަމާކެޓްތަކުގެ ހަރުތަކާ ހަމައަށް ތަކެތި އުފުލާ އުޅަނދުފަހަރާ ހަމައަށް، ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަރުހަލާގެ ކޮންމެ ހަރުފަތަކަށްވެސް ހަކަތައިގެ އަގުތަކުން ސީދާ އަސަރުކުރެއެވެ.
ތެލުގެ އަގު ބޮޑުވުމަކީ މުދާ އުފުލުމާއި ދަތުރުފަތުރުގެ ހަރަދުތަކަށްވެސް ސީދާ ގޮތުން ނޭދެވޭ އަސަރުކުރާ ކަމެކެވެ.
އިގްތިސާދީ މާހިރު ޑޭވިޑް މެކްވިލިއަމްސް އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދުނިޔޭގެ އިގްތިސާދުގެ މައިބަދައަކީ ދަތުރުފަތުރު ކަމަށެވެ. އެއީ އެއްތަނުން އަނެއްތަނަށް މުދާ ގެންދިއުމުގެ ނިޒާމު ނުވަތަ ލޮޖިސްޓިކްސްއާ ގުޅިފައިވާ ކަމެއް ކަމަށާއި، ދުނިޔޭގެ އިގްތިސާދު ހަރަކާތްތެރިކުރުވާ މައިގަނޑު ބާރަކީ ދަތުރުފަތުރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ތަކެތީގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން މިކަމުގެ އަސަރު މިކުޑަކުޑަ ދިވެހި ރާއްޖެެއަށްވެސް ކުރާނެ ކަމީ ޝައްކެއް އޮތަކަމެއް ނޫނެވެ.
މިޙާލަތުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ޓަަކައި ސަރުކާރުން ދަނީ ރޭވުންތަކެއް ރާވަމުންނެވެ. އެގޮތުން މިއަދު ބޭއްވި ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައި ހިނގަމުންދާ ހަމަލާތަކާއި ރައްދުގެ ގޮތުގައި ދެމުންދާ ހަމަލާތަކާއި އަމަލުތަކުގެ ސަބަބުން އިމްޕޯޓަށް ބަރޯސާވެފައިވާ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވެދާނެ އިޤްތިޞާދީ އަދި ސަލާމަތީ ގޮންޖެހުންތައް ވަރަށް ގާތުން ބައްލަވަމުންދާކަމަށެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު ރާއްޖޭގައި ތެލުގެ އަގު މައްޗަށް އަރައިގެން ދިޔަނުދީ ކޮންޓްރޯލްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް މިހާތަނަށް ކުރިމަތިނުވާކަމަށާއި، ތެޔޮ ގެންނަ ތާވަލާއި އެއްގޮތަށް ރާއްޖެއަށް ތެޔޮ ލިބެމުންދާކަމަށެވެ.ވަޒީރު ވިދާޅުވީ ސަރުކާރުން މިހާރުވެސް ތެލަށް ބޮޑު ސަބްސިޑީއެއް ދެމުންދާއިރު، އިތުރަށް ބާޒާރުގައި ތެލުގެ އަގު ބޮޑުވާނަމަ ދެވަނަ ވިސްނުމަކީ އެސްޓީއޯގެ ފައިދާއިން، އެއަށް ބޭނުންވާ ޚަރަދު ހަމަޖެއްސުންކަމަށެވެ.
ހަނގުރާމައިގެ ޙާލަތުގައި އިގްތިސާދީ ހީނަރުކަން ކުރިމަތިވާނެ ކަމަށް ގަބޫލުކުރެވޭއިރު ހަރަދު ކުޑަކުރުމާއި ހަރަދަށް ބަލައި އިގްތިސާދު ކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ނިންމައިގެން ނުވާނެއެވެ.
ފަރުދީ ޒިންމާ ނަގައި މިވަގުތު ހަރަދުތައް ކުޑަކުރުމަކީ އެންމެންގެވެސް ޒިންމާއެކެވެ. ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކޮށް ވޭތޯ ބަލަން ޖެހެއެވެ.