Ads by PNC

ޚަބަރު

މެދުއިރުމަތީގައި ތިބި ދަރިވަރުންގެ ހާލު ގާތުން ބަލަމުންދާނެ: ވަޒީރު ޚައިދަރު

މެދުއިރުމަތީގައި ތިބި ދަރިވަރުންގެ ހާލު ގާތުން ބަލަމުންދާނެ: ވަޒީރު ޚައިދަރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މާރިޗު 2026، 12:14

13 މާރިޗު 2026، 12:14

މެދުއިރުމަތީގެ އެކި ގައުމުތަކުގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންގެ ހާލު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި މިވަގުތު ރާއްޖޭގެ 75 ދަރިވަރަކު ކިޔަވަމުންދާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މިސްރުގައި ތިބި 40 ދަރިވަރުންނާއި، ޔޫއޭއީގައި ތިބި 21 ދަރިވަރުންނާއި، ތުރުކީގައި ތިބި 10 ދަރިވަރުންގެ އިތުރުން ސައުދީ އަރަބިއްޔާގައި ތިބި 2 ދަރިވަރުންނެވެ. އަދި މިސްރުގައި އަމިއްލަ ގޮތުން ކިޔަވަމުންދާ 2 ދަރިވަރަކު ވެސް ހިމެނެއެވެ.

ވަޒީރު ހައިދަރު ވިދާޅުވީ ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ޚާރިޖީ ވުޒާރާއިން ނެރެފައިވާ އެޑްވައިޒަރީތައް އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް ފޮނުވަމުންދާ ކަމަށެވެ. އަދި ދަރިވަރުން ތިބި ގައުމުތަކުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދަރިވަރުންނާ މުއާމަލާތް ކުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ "އަޅުގަނޑުމެން މިހާރު ވާނީ އެކުދިންނާއެކު މުއާމަލާތްކުރުމަށް ވަޓްސްއެޕް ނަންބަރެއް، އެއީ 25 ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުން މިސްރުގައި ތިބީގައި އެތާގަ ވަޓްއެޕް ނަންބަރެއް ހަމަޖައްސާފަ. އެތާގަ ތިބި ދަރިވަރުންނަށް މިހާރު ވުޒާރާއާ ޑައިރެކްޓްލީ ކޮންޓެކްޓުކުރެވޭނެ އިންތިޒާމުތައް މިހާރު މިވަނީ ހަމަޖެއްސިފައި." ކަމަށެވެ.

މީގެ އިތުރުން، ހަނގުރާމައިގެ ހާލަތާ ގުޅިގެން ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ނަމަ، އެއްވެސް ޖޫރިމަނާއެއް ނުވަތަ ޕެނަލްޓީއަކާ ނުލައި އަލުން ކިޔެވުން ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ދަރިވަރުންނަށް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޔުނިވަރސިޓީތަކުގެ 'ސްޕްރިންގް ބްރޭކް' އާ ދިމާކޮށް މާލެއަށް ދަތުރުކުރަން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ ހުއްދަ ދިނުމާއި ފެސިލިޓޭޓް ކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450