Ads by PNC

ޚަބަރު

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖޭގެ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހުއްޓާލާކަށް ނުޖެހޭނެ: ވަޒީރު މޫސާ ޒަމީރު

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖޭގެ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހުއްޓާލާކަށް ނުޖެހޭނެ: ވަޒީރު މޫސާ ޒަމީރު

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މާރިޗު 2026، 02:29

13 މާރިޗު 2026، 02:29

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓާލަންޖެހޭ ހިސާބަށް ނުދާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މި ހަނގުރާމައާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުން އެކުލަވާލާފައިވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ޙާލަތާ ގުޅިގެން ރާއްޖޭގެ މާލީ ޙާލަތަށް އަންނާނެ ބަދަލުތައް އަންދާޒާކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި، މާލީ ވުޒާރާ އަދި މީރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ މަސައްކަތެއްވެސް ރައްޔިތުންނަށް ދަތިތަކުގެ އަސަރު ވީހާވެސް ކުޑަވާނެގޮތަށް ރޭވުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ ޢުމްރާނީ މަސައްކަތްތަކަށް މިކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ޕްރޮޖެކްޓްތައް ހުއްޓާލާކަށް ނުޖެހޭނެ. މިނިސްޓްރީއިން މިދަނީ، މި ކަންކަމުގައި އެއްބާރުލުން ދޭންޖެހޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ ކަންކަމަށް މަގު ފަހިކޮށްދެމުން. އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައި ނަމަވެސް، ރާއްޖޭގެ އަސާސީ އެއްވެސް ޚިދުމަތަކަށް މިހާތަނަށް އޭގެ ނޭދެވޭ އަސަރެއް ކޮށްފައެއް ނުވެއެވެ.

ކާބޯތަކެއްޗާއި ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށްދާއިރު، ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށްވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެފަދަ ޙާލަތެއްގައިވެސް ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ރޭވުންތައް އެކުލަވާލަމުންދާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450