ދީން / ޚަބަރު
ކިތަންމެ މަދުން ހެޔޮ ޢަމަލު ކުރެވުނަސް ހުއްޓާނުލާ ކުރިއަށްދޭ: ހުކުރު ޙުތުބާ
މާލޭގެ މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ. ފޮޓޯ:އިސްލާމީ ވުޒާރާ
ހެޔޮ ޢަމަލު ކުރެވޭ މިންވަރު މަދުނަމަވެސް ހެޔޮ ޢަމަލުކުރުން ހުއްޓާނުލާ ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ." މިމަައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ ރަމަޟާންމަސް އަހަރެމެންނާ އަލްވަދާޢުކިޔަނީ ކަމަށާއި، ނަމަވެސް، ހެޔޮ ޢަމަލުކުރުމަކަށް ނިމުމެއް ނާންނާނެކަމަށެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށްދާންދެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުން ކަމަށެވެ. އަޅުކަންކުރުމަކީ، މާތް ﷲ އަހަރެމެން ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫނެް ކަމަށާއި މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެ ކަމށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވާ ކަމަށާއި، ރަމަޟާންމަހަކީ އެ ފަދަ މޫސުމެއް ކަމަށާއި އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކަމަށާއި އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެކަމަސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ހެޔޮ ޢަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ރަމަޟާންމަސް އަހަރެމެންނާ ވަކިވަނީ، ޝައްވާލުމަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގުފަހިކޮށްދީފައި، އެހެންކަމުން ތިބާއީ ހެޔޮކަމަށް އެދޭ މީހަކަށް ވާށެ، އަދި ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުންހިފާށެ، މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިގަންނާށެ
ހުކުރު ޚުތުބާ
ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރު ކުރުމަށާއި އިސްތިޣުފާރު ކުރުމަކީ، ﷲގެ ހަޟުރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުން ކަމަށާއި އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވާ ފާފަފުއްސަވާ ރަސްކަލާނގެ ކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
އެކަލާނގެއީ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސް، އެކަލާނގެ ޒާތުފުޅަށް ރަޙުމަތް ލާޒިމުކުރައްވައިފައިވާ ރަސްކަލާނގެއެވެ.އޭ ހެޔޮކަމަށް އެދޭ މީހާ، އެ ކަމަށް އަވަސްވެގަންނާށެ، އެކަލާނގެ ރަޙުމަތުގެ ދޮރުކޮޅަކީ އެދޮރުކޮޅުން ވަންނާން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައިވާ ދޮރުކޮޅެއް، އެ ކަމަށް ނޭދޭ މީހާ ފިޔަވާ، އެފަދަ މީހަކަށް ތިބާ ނުވާށެ، މުސްލިމް އަޚުންނޭ! ނިމިގެން މި ދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރި ގޮތާ މެދު ވިސްނައިލާށެ، ފަރުޟު ފަސްނަމާދަށް ރައްކާތެރިވީ ފަދައިން ރަމަޟާންމަހަށް ފަހުގައި ވެސް އެ ގޮތުގައި ދަމަހައްޓާށެ، ކޮންމެ ދުވަހަކު ޤުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބަލާށެ، ހެޔޮ ޢަމަލުކުރުމުގައި ހީވާގިވާށެ، ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިޔަށްދާށެ، އެއީ ނަބަވީ މަންހަޖެ
ހުކުރު ޚުތުބާ
ހުކުރު ޚުތުބާގައި އިތުރަށް ބުނެފައިވަނީ ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއްކަމުގައި، އަހަރެމެން ދެކިގެންނުވާނެކަމަށާއި އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއްކަމުގައި ދެކޭ ނަމަ އެ ޢަމަލުތައް ބާޠިލުވެދާނެކަމަށެވެ.
އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައްކުރުން މަތީގައި ދެމިތިބޭން ޖެހޭ ކަަމަށާއި ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަޤީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެކަމަށްވެސް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.