Ads by PNC

ޚަބަރު

ދިގުރަށު އަލިފާނުގެ ހާދިސާ: އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ފުލުހުން އިތުރަށް ތަހުޤީޤު ކުރަނީ

ދިގުރަށު އަލިފާނުގެ ހާދިސާ: އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ފުލުހުން އިތުރަށް ތަހުޤީޤު ކުރަނީ

އދ.ދިގުރަށް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މާރިޗު 2026، 10:19

13 މާރިޗު 2026، 10:19

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެ، އިތުރު ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ ދަންވަރު 01:57 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝް ރައްޔިތުންނެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ 01:58 ހާއިރު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދިޔަކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެއެވެ.

ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ، ހަބަރު ހުސްވެފައިތިބި ހަތް މީހަކު ވަނީ ނެރެފައެވެ. މި މީހުން ޞިއްޙީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ. އަދި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ސީރިއަސްވި ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.

މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް އެ ރަށު ޞިއްޙީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ރޭ ދަންވަރު 02:30 އެހައިކަންހާއިރުއެވެ.

ތަހުޤީޤު ޓީމެއް ދިގުރަށަށް
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ވަނީ ހާއްސަ ތަހުޤީޤެއް ފަށާފައެވެ. މި މައްސަލައިގެ މަޢުލޫމާތު މޭޖަރ ކްރައިމް އިންވެސްޓިގޭޝަނާ ހިއްސާކޮށްފައިވާއިރު، އެ އިދާރާގެ ހާއްސަ ތަހުޤީޤު ޓީމެއް މިއަދު ހެނދުނު ވަނީ ދިގުރަށަށް ގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދު މިހާރު އޮތީ ފުލުހުން ކޯޑަންކޮށް ބަންދުކޮށްފައެވެ.

ފުލުހުންގެ ބަޔާނުގައި، މީހުން ސަލާމަތްކުރުމާއި އަލިފާން ނިއްވުމުގެ މަސައްކަތުގައި ދިގުރަށު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450