ޚަބަރު
ޕީއެންސީގެ ސައިކަލު ބުރެއް މިއަދު މާލޭގައި ކުރިއަށް ގެންގޮސްފި
ޕީއެންސީގެ ސައިކަލު ބުރު
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު މިއަދު މާލޭގައި ޚާއްޞަ ސައިކަލް ބުރެއް ބާއްވައިފިއެވެ.
މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން އިންތިޒާމުކުރި ހަރަކާތެކެވެ.
މިއަދު ހަވީރު ކުރިއަށްދިޔަ މި ސައިކަލު ބުރު ފަށާފައިވަނީ މާފަންނު މެރީބްރައުން ސަރަހައްދުންނެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވުމަށްފަހު، މި ހަރަކާތް ނިންމާލާފައިވަނީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ މައި އޮފީސް ސަރަހައްދަށެވެ.
މި ހަރަކާތް ނިންމާލުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރެއްވިއެވެ. ރައީސް ވިދާޅުވީ ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައިގެން ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ އުސޫލެއް ނޫން ކަމަށެވެ.
ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި، ސިޓީތަކާއި ރަށްތަކުގެ ކައުންސިލް ގޮނޑިތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް ރައީސް މުޢިއްޒު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ސައިކަލު ބުރުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.