ޚަބަރު
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ސުޢޫދު ދެއްކެވި ވާހަކަފުޅަށް ދިޔާނާގެ ވަރުގަދަ ރައްދެއް
ދިޔާނާ ސަޢީދު އަދި ޙުސްނުއް ސުޢޫދު
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ދެއްކެވި ވާހަކަފުޅުތަކަށް، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ދިޔާނާ ވިދާޅުވީ ސުޢޫދު ދެއްކެވި ޙުއްޖަތްތަކަކީ ޤަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.
ސުޢޫދު އުފެއްދެވި ސުވާލުތައް
މި މައްސަލައިގައި ސުޢޫދު މިއަދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ޤާނޫނުއަސާސީގައި އިޞްލާޙު ކުރަންޖެހޭ މާ މުހިންމު ކަންތައްތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުމާއި، ޖޭއެސްސީ އާއި އޭސީސީ ފަދަ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކަންކަން މިހެން ހުއްޓައި ކީއްވެގެންތޯ އެޖެންޑާގައި އެންމެ ކުރިއަށް ދެ އިންތިޚާބެއް އެއް ދުވަހެއްގައި ބޭއްވުން މި ގެނައީ. މި ސަރުކާރުގެ ބޭފުޅުން އޮޅުން ފިލުވައިދޭން ޖެހޭ ކަމެއް،" ސުޢޫދު ވިދާޅުވިއެވެ. ސުޢޫދު ތުހުމަތު ކުރެއްވި ގޮތުގައި އެހެން ހުރިހާ ދުސްތޫރީ މައްސަލަތަކެއް ބާއްވާފައި ހަމައެކަނި އިންތިޚާބު އެއްކޮށްލަން އުޅުމަކީ ސަރުކާރުގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ އެކު ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ދިޔާނާގެ ރައްދު: "ސްޓެގަރޑް" ނިޒާމު ވަނީ ފެއިލްވެފައި
ދިޔާނާ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ފަދަ އިފެކްޓިވް މަޖިލީހެއް ލިބުމަކީ މިވަގުތު ޤައުމަށް އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި ސުޢޫދު ފާހަގަކުރެއްވި ދުސްތޫރީ މައްސަލަތައް ޙައްލުނުވެ އޮތް އެންމެ ބޮޑު ސަބަބަކީވެސް މިހާތަނަށް ހަރުދަނާ މަޖިލީހެއް ލިބިފައި ނެތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު އަމަލުކުރަމުން މިދާ، ދެ އިންތިޚާބުގެ ދެމެދުގައި 6 މަސް އޮންނަ ސްޓެގަރޑް އިންތިޚާބީ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެންމެ މަޖިލީހެއްވެސް ވޭތުވެދިޔަ 15 ވަރަކަށް އަހަރު ލިބިފައެއް ނުވޭ،" ދިޔާނާ ވިދާޅުވިއެވެ. އެހެންކަމުން މި ނިޒާމަކީ ރާއްޖޭގެ ޙާލަތުގައި ފެއިލްވެފައިވާ ނިޒާމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށާއި، ދެން ހުރި އޮޕްޝަންތައް ބެލުމުގެ ތެރެއިން ދެ އިންތިޚާބު އެއްކޮށް (ކޮންކަރަންޓްކޮށް) ބޭއްވުން ޓެސްޓުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމުން އިދާރީ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ދިޔާނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުޞަތުވެސް މި ބަދަލާއެކު ކުޑަވެގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.