Ads by PNC

ޚަބަރު

ދެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު 2008 ގައި ދެއްކެވި ވާހަކަތަކުގެ ހަގީގަތް އާޒިމާ ހާމަކުރައްވައިފި

ދެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު 2008 ގައި ދެއްކެވި ވާހަކަތަކުގެ ހަގީގަތް އާޒިމާ ހާމަކުރައްވައިފި

ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މާރިޗު 2026، 02:35

14 މާރިޗު 2026، 02:35

ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު، 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އޭނާ ދެއްކެވި ވާހަކަތަކެއްގެ ހަގީގަތް ސާފުކޮށްދެއްވައި، މިއަދުގެ ހާލަތާ އެ ވާހަކަތަކާ ހުރި ތަފާތުތައް ބަޔާންކޮށްދެއްވައިފިއެވެ.

އާޒިމާ މިކަން ހާމަކުރެއްވީ، ރާއްޖޭގެ އޮންލައިން ނޫހަކުން އޭނާ މީގެ 18 އަހަރު ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 261 ވަނަ ޖަލްސާގައި ދެއްކެވި ވާހަކަތަކެއް ޝާއިއުކުރުމާ ގުޅިގެންނެވެ. އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު ވަކިން ބޭއްވުމަކީ އެންމެ އަމާން އަދި ފައިދާހުރި ގޮތް ކަމަށް އާޒިމާ އެ ދުވަހު ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އާޒިމާ ވިދާޅުވީ، އެ ދުވަހު އެ ވާހަކަ ދެއްކެވީ މުޅިން ތަފާތު ދުސްތޫރީ މަރުހަލާއެއްގެ ތެރޭގައި ކަމަށެވެ. އެއީ 1997 ގެ ގާނޫނުއަސާސީން 2008 ގެ އައު ގާނޫނުއަސާސީއަށް ހިޖުރަކުރި އިންތިގާލީ މަރުހަލާ ކަމަށާއި، އޭރުގެ މަޖިލީހުގެ އޮނިގަނޑާއި އައު މަޖިލީހުގެ އޮނިގަނޑު މުޅިން ތަފާތުވުމުން، ދައުލަތް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށްޓަކައި ދެއްކެވި ވާހަކައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ 18 އަހަރު ފަހުން، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި އެ ވާހަކަތައް ޝާއިއުކުރުމުން، އެއިން ދޭހަވަނީ އަޅުގަނޑުގެ ވިސްނުން ހުރީ އެކަމާ އިދިކޮޅަށް ކަމަށް ނަމަ، އެއީ ރަނގަޅު ދޭހަކުރުމެއް ނޫން،

 އާޒިމާ

މިއަދުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އާޒިމާ ވިދާޅުވީ، މިހާރުގެ ކަންބޮޑުވުމަކީ މަޖިލީހުގެ އަދަދު އިންތިހާއަށް އިތުރުވުމާއި، ގައުމީ މަސްލަހަތަށް ވުރެ ޕާޓީގެ މަސްލަހަތަށް މެންބަރުން އިސްކަންދިނުމެވެ. އަދި ކޮންމެ ފަސް އަހަރަކުން ތިން އިންތިހާބު ބާއްވަން ޖެހުމުގެ ސަބަބުން ގައުމު އަބަދު އިންތިހާބީ އޮއިވަރެއްގައި އޮންނަން ޖެހުމަކީ ތަރައްގީއަށް އޮތް ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 17 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، މިހާރު އޮތް ގާނޫނުއަސާސީ ތަންފީޒުކުރުމުގައި ދިވެހިންނަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށާއި، ދައުލަތުގެ ހަކަތަ ގައުމީ ތަރައްގީއަށް ހުސްކުރުމަށްޓަކައި، ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިސްލާހަކީ މިއަދުގެ ހާލަތުގައި ގެންނަންޖެހޭ "ސްޓްރެޓީޖިކް" ބަދަލެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އާޒިމާގެ ވާހަކަ ނިންމަވާލެއްވީ، ކޮންމެ ކަމަކަށް ސިޔާސީ ކުލަޖެއްސުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލާއި ހަމަޖެހުމަށްޓަކައި ގައުމީ ވިސްނުމަކުން މިފަދަ ދުސްތޫރީ ބަދަލުތަކަށް ފުރުސަތު ދިނުމަށް ގޮވާލައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450