ޚަބަރު
ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރާ ބައްދަލުކުރައްވައިފި
ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު އޮނަރަބަލް ފުއާތް އޮކްތާއި އާ ބައްދަލުކުރައްވައިފިއެވެ.
އަންކާރާގައި ހުންނަ ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައި، 2024 ވަނަ އަހަރު ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރެވުނު ފަހުން ދެ ޤައުމުގެ ގުޅުމަށް އައިސްފައިވާ ކުރިއެރުންތައް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ޤާނޫނު ހަދާ މަޖިލީހުގެ ދައުރުގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށް ސަފީރު ޢަބްދުއްރަޙީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެއާއެކު، މި ބައްދަލުކުރެއްވުމުގައި މުގައްރިރު އޮނަރަބަލް ފުއާތު އޮކްޓޭ ވަނީ ސަފީރަށް މަރުހަބާ ދަންނަވައި، އެކި ދާއިރާތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ތުރުކީވިލާތުން ދެވެން އޮތް އެހީތެރިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުވުމުގައި، ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.