Ads by PNC

ޚަބަރު

އިންތިޚާބުގެ އޮބްޒާވަރުންނަށްވުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

އިންތިޚާބުގެ އޮބްޒާވަރުންނަށްވުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުން/ފޮޓޯ: އީސީ

14 މާރިޗު 2026، 04:00

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ އިންތިޚާބުގެ އޮބްޒާވަރުންނަށްވުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

މި އިންތިޚާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގެ އޮބްޒާވަރުންނަށްވުމަށް ފުރަތަމަ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 9 އިން 28 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުތަކުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ އެދިލެއްވުމުގެ މަތިން އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށް ނިންމާފައިވާ ކަމަށް އިލެކްޝަނުން ވިދާޅުވިއެވެ. އަދި އަލަށް ދިން މުއްދަތަކީ މާދަމާގެ ދަންވަރު 12:00 އާއި ހަމައަށްކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި އަމިއްލަ ގޮތުން ނުވަތަ ޖަމިއްޔާތަކުން ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ވެގެން ނުވާއިރު، ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅަންޖެހޭނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. އަދި އޮބްޒާވަރުންގެ ފަރާތުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހޭނީ ވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށެވެ. މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށަހަޅާއިރު، ހަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތުގެ އިތުރުން މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހިމަނަންޖެހޭނެއެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް އަދި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސް ވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އިންތިޚާބު މޮނިޓަރކުރުމަށް އެދި 3،091 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، މިހާތަނަށް އޮބްޒާވަރުންނަށް ވުމަށް 1،400 އަށްވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450