ޚަބަރު
މ. ވޭވަށުގައި ޤާއިމުކުރާ އައިސް ޕްލާންޓުގެ ޢަމަލީ މަސައްކަތް ފަށައިފި
އައިސް ޕްލާންޓެއް/ފޮޓޯ: ވުޒާރާ
މ. ވޭވަށުގައި ޤާއިމުކުރާ އައިސް ޕްލާންޓުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
މިއީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ހަވާލުކޮށްގެން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާ ކުރިއަށްގެންދާ މަސައްކަތެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވޭވަށު އައިސް ޕްލާންޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 27 ސެޕްޓެމްބަރު 2025 ގައި ކަމަށެވެ. 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަސައްކަތުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިގޮތުން، މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސް، މިހާރު ކުރަމުންދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން މަސައްކަތްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ވޭވަށުގައި ޤާއިމުކުރާ އައިސް ޕްލާންޓަކީ ދުވާލަކަށް 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ޤާބިލުކަން ހުންނަ ޕްލާންޓެއްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ޕްލާންޓު ޤާއިމުކުރަނީ 100 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއާއި އެކުގައެވެ. މި އައިސް ޕްލާންޓުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ޔަޤީންކަން ބޮޑުވެ، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ. ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.