Ads by PNC

ޚަބަރު

ދިގުރަށު އަލިފާނުގެ ޙާދިސާގައި ފިހުނު 2 މީހުން އަދިވެސް ވެންޓިލޭޓަރުގައި

ދިގުރަށު އަލިފާނުގެ ޙާދިސާގައި ފިހުނު 2 މީހުން އަދިވެސް ވެންޓިލޭޓަރުގައި

އައިޖީއެމްއެޗް/ފޮޓޯ: ސަންގު

15 މާރިޗު 2026، 11:50

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި ފިހުނު 2 މީހުންނަށް އަދިވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

 2026 މާރިޗު 12 ވަނަ ދުވަހުގެރޭ ދަންވަރު 01:57 ހާއިރު ހިނގި މި ޙާދިސާގައި ފަސް މީހަކު ނިޔާވެފައިވާއިރު، އިތުރު ބަޔަކު ޒަޚަމްވެ، ދެ މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މި ޙާދިސާއާ ގުޅިގެން އައިޖީއެމްއެޗުން ބުނީ، ފަރުވާއަށް ގެނައި ދެމީހުން ވެސް އަދި އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެ މީހުންނަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށްވެސް ވިދާޅުވިއެވެ. މި އަލިފާނުގެ ޙާދިސާގައި ޖުމްލަ 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންނަށް އެ ރަށު ޞިއްޙީ މަރުކަޒުން  ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ވަނީ ޚާއްޞަ ތަހުޤީޤެއް ފަށާފައެވެ. މި މައްސަލައިގެ މަޢުލޫމާތު މޭޖަރ ކްރައިމް އިންވެސްޓިގޭޝަނާ ޚިއްޞާކޮށްފައިވާއިރު، އެ އިދާރާގެ ޚާއްޞަ ތަހުޤީޤު ޓީމެއް މިހާރު ވަނީ ދިގުރަށަށް ގޮސްފައެވެ. އަދި ހާދިސާ ހިނގި ސަރަޙައްދު މިހާރު އޮތީ ފުލުހުން ކޯޑަންކޮށް ބަންދުކޮށްފައިކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދޭގޮތުގައި، މި ޙާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ 01:58 ހާއިރު އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ފުލުހުން އެ ސަރަޙައްދަށް ދިޔައިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދިޔަކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450