ޚަބަރު
ފެލިވަރުގައި ޤާއިމުކުރާ ކޭނަރީގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެ: މަސްވެރިކަމާ ބެހޭ ވުޒާރާ
ފެލިވަރުގައި ޤާއިމްކުރާ ކޭނަރީ
ޅ. ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން އަލަށް ޤާއިމުކުރާ 100 ޓަނުގެ ކޭނަރީގެ އަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް ޕްރޮސެސްކުރާ ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބު ވިދާޅުވީ، ފެލިވަރުގައި މިހާރު ހުރި ކޭނަރީއަކީ ގާތްގަނޑަކަށް 40 އަހަރުވެފައިވާ ދުވަސްވީ ތަނެއް ކަމަށެވެ. އަދި އެތަނުގައި މިހާރު ދުވާލަކު ބަންދުކުރެވެނީ އެންމެ 35 ޓަނުގެ ދަޅުމަސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މި ކަމަށް ހައްލެއް ގެނައުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ދުވާލަކު 100 ޓަނުގެ މަސް ބަންދުކުރެވޭނެ ޒަމާނީ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. "މިކަމުގެ އަަމަލީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ"، މުއްޠަލިބު ވިދާޅުވިއެވެ.
އެގޮތުން ފެލިވަރުގައި މިހާރު ކުރިއަށްދަނީ މަޝްރޫއުގެ ފުރަތަމަ ފޭސްގެ މަސައްކަތްތަކެވެ. މީގެ ތެރޭގައި 400 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމާއި، ދުވާލަކު 250 ޓަނުގެ މަސް ގަނެވޭނެ ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވީ، އިންޑިއާގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކުރިއަށްދާ މި މަސައްކަތްތައް މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މަސައްކަތުގެ ސްޕީޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ، "އުންމީދުކުރާ ސްޕީޑަކު މަސައްކަތް ކުރިއަށްކަަމަށް ނުއެއްދޭ. އެކަމަކު އިންޑިއާ ސަރުކާރުގެ އެހީ، ވަކިން ހާއްސަކޮށް އިންޑިއާ އެމްބަސީގެ އެހީތެރިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ލިބެމުންދޭ އެބަ އެއީ ކޮންޓްރެކްޓަރަކީ އިންޑިއާގެ ކޮންޓްރެކްޓަރަކަށް ވުމާއެކު އެމީހުން ޕުޝްކުރަންވެެގެން" ކަމަށެވެ.
މަސްވެރިކަމުގެ ވުޒާރާއިން ލަފާކުރައްވާ ގޮތުގައި ފެލިވަރު ތަރައްޤީކުރުމުގެ ހުރިހައި މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނީ 2027 ވަނަ އަހަރަށެވެ. މި މަޝްރޫއު ނިމުމުން މިފްކޯގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެ، ރާއްޖޭގެ ބާޒާރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މަސް ޕްރޮސެސްކޮށް ބޭރުގެ މާކެޓްތަކަށް ފޮނުވުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ.