ދުނިޔެ

އަފްޣާނިސްތާނުން ރަތް ރޮނގު ހުރަސްކުރިކަމަށް ބުނެ ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާދީފި

އަފްޣާނިސްތާނުން ރަތް ރޮނގު ހުރަސްކުރިކަމަށް ބުނެ ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލާދީފި

އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅައިދޭ ބޯޑަރު ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 މާރިޗު 2026، 01:12

15 މާރިޗު 2026، 01:12

ޕާކިސްތާނުގެ އާންމުންނާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ތާލިބާނުން ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުން އަފްޣާނިސްތާނުގެ ކަންދަހާރުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތައް ދީފައިވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ، ކާބުލް އިން "ރަތް ރޮނގު" ހުރަސްކޮށްފި ކަމަށް ވިދާޅުވެ އިންޒާރު ދެއްވުމަށްފަހު ހޮނިހިރު ދުވަހުއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އަފްޣާނިސްތާނުން ފޮނުވާލި ޑްރޯންތައް އަމާޒަށް ވާސިލްވުމުގެ ކުރިން ވަނީ ވައްޓާލާފައެވެ. ނަމަވެސް ވެއްޓުނު ބައިތަކުގެ ސަބަބުން ކުއެޓާގައި ދެ ކުޑަކުދިންނަށް އަނިޔާވެ، ރާވަލްޕިންޑީ އާއި ކޯހާޓްގެ އާންމުންނަށް ގެއްލުންތަކެއް ލިބިފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިސްލާމްއާބާދުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު ކަމަށް ސަލާމަތީ ބާރުތަކުން މައުލޫމާތު ދެއެވެ.

ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި ކަންދަހާރުގައި ހުރި މަރުކަޒަކީ ޕާކިސްތާނަށް ހަމަލާދިނުމަށާއި ހަނގުރާމަވެރިން ބޭނުންކުރާ ތަނެކެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ތާލިބާން ހަނގުރާމަވެރިންނާއި އައިއެސް-ކޭގެ ހަނގުރާމަވެރިންނަށް އަފްޣާނިސްތާނުން ހިމާޔަތްދޭ ކަމަށްވެސް އިސްލާމްއާބާދުން ތުހުމަތު ކުރެއެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.

މި ހަމަލާތަކުގެ ކުރިން، ބުރާސްފަތި ދުވަހުގެ ރޭ ޕާކިސްތާނުން ކާބުލްއަށް ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރުވެފައިވެއެވެ. އަދި ކަންދަހާރު އެއާޕޯޓް ކައިރީގައި ހުރި އަމިއްލަ އެއާލައިނެއްގެ ތެޔޮ ގުދަނަކަށްވެސް ޕާކިސްތާނުން ހަމަލާދީފައިވެއެވެ. އެ ތަނަކީ އދ. އާއި ރެޑް ކްރޮސް ފަދަ ޖަމިއްޔާތަކަށް ތެޔޮ ފޯރުކޮށްދޭ ތަނެއް ކަމަށާއި، އެތަނުގައި އެއްވެސް އަސްކަރީ މަރުކަޒެއް ނުހުންނާނެ ކަމަށް އަފްޣާން އޮފިޝަލުން ބުނެއެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި، ފެބްރުއަރީ 26 އިން ފެށިގެން ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 75 އާންމުން މަރުވެ، 193 މީހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ ތެރޭގައި 24 ކުޑަކުދިން ހިމެނެއެވެ. އަދި މި ހަމަނުޖެހުންތަކުގެ ސަބަބުން 115،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ ދެ ގައުމުންވެސް މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ގޮވާލައްވާފައެވެ. ސަރަހައްދީ މަޝްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އިތުރަށް ހަމަނުޖެހުން ބޮޑުވުމަކީ ނުރައްކާތެރި ކަމެއް ކަމުގެ އިންޒާރު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450