Ads by PNC

ޚަބަރު

ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް އަންގާރަދުވަހު ހުޅުވާލަނީ

ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް އަންގާރަދުވަހު ހުޅުވާލަނީ

ކުރީގެ އިންތިޚާބެއްގައި ބޭނުން ކޮށްފައިވާ ވޯޓާސް ލިސްޓެެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 މާރިޗު 2026، 01:44

15 މާރިޗު 2026، 01:44

އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު އަންނަ އަންގާރަދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުޞަތު 17 މާރިޗު ވާ އަންގާރަ ދުވަހުން ފެށިގެން 19 މާރިޗު ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައެވެ.

އެޕްރީލް މަހުގެ 4 ވަނަ ދުވަހު ތިން ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ. މި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ހައްޤު ޖުމްލަ 294,876 މީހުންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ.

ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއި ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. އަދި ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެކަމަށްވެސް އީސީން ވިދާޅުވިއެވެ.

ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކަނޑައެޅިފައިވާ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް، އަދި ރޭގަނޑު 09:30 އިން 12:00 ގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450