ޚަބަރު
72 ވަނަ މާއްދާގައި ބުނާ އެއްޗެއް ނޭންގި އެމްޑީޕީ މެމްބަރުން ދައްކާ ވާހަކައިން އެމްޑީޕީގެ ތާއީދު ގެއްލިގެންދާނެ: ޝުޖާޢު
ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާޢު
ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގެ (ރ) އާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ދައްކަވަމުން ގެންދަވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، އެފަދަ ދޮގުތަކުގެ ސަބަބުން އެ ޕާޓީގެ ތާޢީދު އިތުރަށް ގެއްލިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ. ޝަމްހީދު ވިދާޅުވެފައިވަނީ 72 ވަނަ މާއްދާއަކީ ރައްޔިތުންގެ ރުހުން ހޯދަންޖެހޭ މާއްދާއެއް ނޫން ކަމަށާއި، އެ މާއްދާ ބޭނުންކޮށްގެން 79 ވަނަ މާއްދާއަށް ރައްޔިތުންގެ ރުހުން ހޯދަން އުޅުމަކީ އޮޅުވާލުމެއް ކަމަށެވެ.
މިކަމާ ގުޅިގެން ޝުޖާޢު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، 72 ވަނަ މާއްދާގެ (ރ) އަށް ގެންނަ އިސްލާހަކީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ގެނައި އިސްލާހެއް ކަމަށެވެ. އަދި މިއީ ގައުމީ މުހިންމު މައްސަލައަކާ ގުޅޭ ކަމަކަށް ވާއިރު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގެ ދަށުން އެފަދަ ކަންކަމާމެދު ވޯޓަށް އެހުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ވެސް މިފަދަ ވޯޓެއް ނެގިދާނެ ކަމަށެވެ. "މިޢި ހަމަޖެހޭ ވާހަކަ އެއްނޫން. 72 މާއްދާގެ (ރ) ގައި ބުނާ އެއްޗެއް ނޭނގޭ MDP ގެ މެމްބަރުންގެ މިފަދަ ދޮގު ތަކުން ގެއްލިގެން ދަނީ އިތުރަށް MDP ގެ ތާއީދު،" ޝުޖާޢު ވިދާޅުވިއެވެ.
އެމްޑީޕީއަށް މިހާރު ގޮތްހުސްވެ، ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން "ތެޅިފޮޅޭ" މަންޒަރު ފެންނަމުންދާ ކަމަށް ޝުޖާޢު ތުހުމަތު ކުރެއްވިއެވެ. އަދި ސަރުކާރުން މިކަމުގައި ރައްޔިތުންގެ ރުހުން ހޯދާނީ ތެދު މަޢުލޫމާތު ފޯރުކޮށްދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.