ޚަބަރު
ލޯކަލް ކައުންސިލް އިންތިޚާބާއި އެކު ފެންނަ ނުފެންނަ އިންތިޚާބު ބޭއްވުމަކީ އެތައް މިލިއަން ރުފިޔާގެ ޚަރަދު ސަލާމަތް ކުރެވޭނެ ކަމެއް: ބަންޑާރަ ނައިބު
ބަންޑާރަ ނައިބު އަޙްމަދު އުޝާމް
ލޯކަލް ކައުންސިލް އިންތިޚާބާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޒް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވީ ޤާނޫނުއަސާސީއަށް ގެނައުމަށް ގަސްދުކުރާ އިޞްލާޙުތަކާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބަންޑާރަ ނައިބު ވިދާޅުވީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި މައްސަލަތައް އިޞްލާޙުކުރުމަށް ސަރުކާރުން ތިން މައިގަނޑު އިޞްލާޙެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިތުރުން މަޖިލިސް މެންބަރުންގެ ޢަދަދު އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމެވެ.
މި އިޞްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ގެންނަ އިޞްލާޙަކީ، އެއަށް ޢަމަލުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީން ލާޒިމްކުރާ ކަމެއްކަން އުޝާމް ފާހަގަކުރެއްވިއެވެ. ނަމަވެސް ދެން ހުރި އިޞްލާޙުތަކަކީ އެފަދަ ވޯޓެއް ނަގަންޖެހޭ ކަންކަން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ބަންޑާރަ ނައިބު ވިދާޅުވީ، "މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ" ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ވޯޓު ނެގުމުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އެހެނިހެން އިޞްލާޙުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.