ޚަބަރު
މިވަގުތައް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް: އެސްޓީއޯ
އެސްޓީއޯގެ ތެޔޮ ވިއްކާ ތަނެއް
ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތަށް ނެތް ކަމަށާއި، މިހާރު ހުރި ސްޓޮކުން ތެލުގެ ބޭނުންތައް މެނޭޖްކުރެވޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި ވަނީ އުފެދިފައެވެ.
މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ވިދާޅުވީ، ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް، ތެލުގެ އިތުރު ދެ ޝިޕްމެންޓް އަންނަ ހަފުތާގައި ރާއްޖެއަށް ލިބޭނެ ކަމަށެވެ. އެހެންކަމުން މިވަގުތު ހުރި ސްޓޮކުން އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލާއި ޑީސަލަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައިވާ ތެޔޮ ކަމަށްވުމުން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު މި ބާވަތްތަކަށް ބޮޑުތަނުން ކުރެއެވެ.
ތެލުގެ އިތުރުން، ގޭހުގެ އައު ޝިޕްމެންޓެއްވެސް އަންނަ ހަފުތާގައި ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. މިވަގުތު ގޭހުގެ ޑިމާންޑް އިތުރުވެފައިވާތީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުން ދަނީ ގޭސް ވިއްކުން ލިމިޓްކުރަމުންނެވެ. އެގޮތުން، 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި މިހާރު ޑިސްކައުންޓް ރޭޓެއްގައި ވިއްކަމުންދަނީ 5 ކިލޯގެ ގޭސް ފުޅިއެވެ. މިއީ މި ހަފުތާއަށް އެކަނި އެޅި ވަގުތީ ފިޔަވަޅެއް ކަމަށާއި، އައު ޝިޕްމެންޓް ލިބުމާއެކު އާންމު އުސޫލުން ގޭސް ވިއްކަން ފަށާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ތެޔޮ ވިއްކާ އަގަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މާލީ ވަޒީރު މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ތެލުގެ އަގު ކަނޑައަޅަނީ އެތެރެކުރާ ޝިޕްމެންޓްތަކުގެ ވެއިޓެޑް އެވަރޭޖަށް ބަލައިގެންނެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ބާޒާރުން ފެންނާނެއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް، އަގަށް އަންނަ ބޮޑެތި ލޮޅުންތައް ކުޑަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި މިހާރުވެސް ތެޔޮ ވިއްކަމުންދަނީ ނިސްބަތުން ހެޔޮ އަގެއްގައިކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.