ޚަބަރު
ޖަނަވާރުންނަށް އަނިޔާކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ
ޖަނަވާރުންނަށް އަނިޔާކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ
ހއ. ހޯރަފުށީގައި ބަނޑުބޮޑު ބުޅަލެއް ދަންޖައްސައި ވަރަށް އިހާނެތިކޮށް މަރާލި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ޖަނަވާރުންނަށް އަނިޔާކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ދީފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، ބަނޑުބޮޑު ބުޅަލެއް ދަންޖައްސައި މަރާލުމަށްފަހު، އެ ސުންޕާ އަމަލު ހިންގި މީހުން ވަނީ އެ ބުޅާ ދަމާފައި ގެންގޮސް މޫދަށް އެއްލާލާފައެވެ. މި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރި ފަރާތުން ބުނެފައިވަނީ، މިއީ ހޯރަފުށީ މީހަކު އޭނާއަށް ފޮނުވި ވީޑިއޯއެއް ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް ތިން މީހަކާ ސުވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި، އަނިޔާކޮށް މަރާލުމުގެ އިތުރުން އެ ތަކެއްޗަށް އަޅާނުލާ ދޫކޮށްލާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. "މިކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖަނަވާރުންނަކީ ވެސް ވޭނާއި ބިރު އިހުސާސްކުރެވޭ މަހްލޫގުން ކަމަށްވާއިރު، އެ ތަކެއްޗަށް އޯގާތެރިވުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި، އިސްލާމްދީނާއި ގާނޫނީ ގޮތުން ވެސް އޮތް ވާޖިބެއްކަން މިނިސްޓްރީން ހަނދާންކޮށްދިނެވެ.
ދާދި ފަހުން ތަސްދީގުކުރި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ފަސް މިނިވަންކަމެއް ވަނީ ކަނޑައަޅާފައެވެ. އެއީ:
- ހައިހޫނުކަމާއި ކަރުހިއްކުމުން މިންޖުވުން.
- ބިރުގަތުމާއި ހާސްވުމުން މިންޖުވުން.
- ޖިސްމާނީ ގޮތުން އަރާމު ނުލިބުމުން މިންޖުވުން.
- ވޭނާއި ހާނިކަ އަދި ބަލިން މިންޖުވުން.
- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުން.
މި ގާނޫނާ ހިލާފަށް ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާ އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ޖަލަށްލުން ފަދަ ހަރުކަށި ފިޔަވަޅުތައް ވެސް އެޅިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެންމެހައި ރައްޔިތުން އެއްބާރުލުން ދިނުމަށާއި، އެފަދަ އަމަލެއް ހިންގާކަން ފާހަގަވެއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް އެނިމަލް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.