ދުނިޔެ
އީރާނުން ގަލްފަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުބާއީގެ ފްލައިޓްތަކަށް ބުރޫއަރައިފި
އީރާނުން ދެމުންދާ ހަމަލާތައް
އީރާނުން ދެމުންދާ ޑްރޯން ހަމަލާތަކެއްގެ ސަބަބުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި ހުރި ތެޔޮ ޓޭންކެއްގައި ރޯވެ، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުތަކަށް ބުރޫއަރައިފިއެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ބުނި ގޮތުގައި، މި ހަމަލާއާ ގުޅިގެން ބައެއް ފްލައިޓްތައް ވަނީ އެހެން އެއާޕޯޓްތަކަށް ބަދަލުކޮށްފައެވެ.
ދުބާއީ މީޑިއާ އޮފީހުން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، އެއާޕޯޓް ކައިރީގައި ހުރި ތެޔޮ ޓޭންކަކަށް ޑްރޯން ހަމަލާ އެރުމުގެ ސަބަބުން އުފެދުނު އަލިފާންގަނޑު ސިވިލް ޑިފެންސް ޓީމުތަކުން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދުބާއީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
އަބޫދާބީއަށާއި ސައުދީއަށްވެސް ހަމަލާތަކެއް
ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ އަލް ބަހްޔާން ސަރަހައްދަށް މިސައިލެއް ވެއްޓި، ފަލަސްތީނު ނަސްލުގެ މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި އެ ގައުމުގެ އިރުމަތީ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކުގެ ތިން ރާޅެއް ވަނީ ހުއްޓުވާފައެވެ. މީގެ ތެރޭގައި ޖުމްލަ 23 ޑްރޯން ހިމެނޭ ކަމަށް ސައުދީން ބުނެއެވެ.
އީރާނުން ބުނަމުންދަނީ ގަލްފުގެ ގައުމުތަކަށް ހަމަލާދެނީ އެ ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރުމުން ކަމަށެވެ. ފެބްރުއަރީ 28 ގައި އިސްރާއީލާއި އެމެރިކާއިން ތެހެރާނަށް ދިން ހަމަލާތަކަށްފަހު، އީރާނުން ދަނީ ގަލްފުގެ އާންމު އިންފްރާސްޓްރަކްޗަރާއި، ބަނދަރުތަކާއި، ތެޔޮ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ.
ގަލްފުގެ ގައުމުތަކުން ހަމަލާތައް ކުށްވެރިކުރުން
ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އަދި ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ފޯނުން ގުޅުއްވައި، އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ "ފާފަވެރި ހަމަލާތައް" ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ގައުމުގެ ސިޔާދަތު ދިފާއުކުރުމަށް ދެ ގައުމުންވެސް ވަނީ އަޒުމް ކަނޑައަޅާފައެވެ.
ހަނގުރާމަ ފެށުނު ފަހުން އީރާނުން ޔޫއޭއީއަށް އެކަނިވެސް 1,800 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ފޮނުވާލާފައިވެއެވެ. ޖީސީސީގެ ގައުމުތަކުގެ އިތުރުން އިނގިރޭސިވިލާތާއި އުރުދުންއިން ވެސް ވަނީ އީރާނުގެ މި އަމަލުތައް ކުށްވެރިކޮށް، މަސްލަހަތު ފިނިކުރުމަށް ގޮވާލާފައެވެ.