ޚަބަރު
ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙަށް މެޑަމް ސާޖިދާގެ ހޫނު މަރުޙަބާއެއް!
މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް
ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީން ދޭވަގުތު އިތުރުކުރުމަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 9 ވަނަ އިޞްލާޙަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނަށް މި އިޞްލާޙު ހުށަހެޅުއްވީ، ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ. މި ބިލަކީ، 2026 މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ. އަދި މި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މެޑަމް ސާޖިދާ މުޙައްމަދު މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މުހިންމު ނިންމުމަކީ ވަޒީފާ އަދާކުރާ މައިންނަށް އެ ކަނބަލުންގެ ވަޒީފާގެ ޒިންމާތަކާއި ޢާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމެއް ކަމަށާއި، މިއީ މައިންގެ ދުޅަހެޔޮކަމަށް މަގުފަހިވެ، ތަރުތީބުން ގާތުން ދިނުން ކުރިއަށް ގެންދިއުމަށް ލިބޭ ފުރުޞަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކާނާގެ މިންގަނޑުތަކަށް ވާޞިލުވުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ސިފަކުރައްވާފައިވެއެވެ.
ވަޒީފާއާ ބެހޭ ޤާނޫނުގައި ކުރިން އޮންނަ ގޮތުން، މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް، ދަރިފުޅުގެ އުމުރުން 1 އަހަރު ވަންދެން ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ލިބޭނެއެވެ. ނަމަވެސް ޤާނޫނަށް ގެންނަން ހުށަހެޅި އިޞްލާޙުގައި ވަނީ، ދަރިފުޅުގެ ކަންކަން ކޮށްދިނުމަށް ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށެވެ. އަދި މި ހުސްވަގުތުކޮޅު ދޭން ޖެހޭނީ މުސާރައިން ނުކެނޑޭ ގޮތަށްކަމަށް ވެސް ބުނެފައި ވެއެވެ.
ވަޒީފާއާ ބެހޭ ޤާނޫނުން، ކޮންމެ މުވައްޒަފަކަށްވެސް ޑިއުޓީ ވަގުތުން 1 ގަޑިއިރުގެ ހުސްވަގުތު ދޭން ޖެހެއެވެ. ނަމަވެސް ވިހެއުމަށްފަހު ދަރިފުޅަށް ދެ އަހަރުވަންދެން އެ ދަރިފުޅު ކައިރިއަށް ދިއުމަށް މަންމައަށް ދޭންޖެހޭ ވަގުތަކީ މި ވަގުތުގެ އިތުރަށް ދޭންޖެހޭ ވަގުތެކެވެ. މި އިޞްލާޙުގައި ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ މުއްދަތަށް އިޞްލާޙު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން، މިހާރު ޤާނޫނުގައި 6 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި ހުރި މުވައްޒަފަކު ވަކިވާނަމަ ދެ ހަފުތާގެ މުއްދަތެއް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު އިޞްލާޙުގައި 1 އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކުވެސް 2 ހަފުތާގެ ނޯޓިސް ދޭންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މި މަހުގެ 14 ވަނަ ދުވަހު މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.