ޚަބަރު
ޢަބްދުލްމުޢިއްޒަކީ ޒުވާނުންނަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ބޭފުޅެއް: ނައިބު ރައީސް
ޢަބްދުލްމުޢިއްޒު--
ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން ޢަބްދުލްމުޢިއްޒު ޙަޞަނަކީ ޒުވާނުންނަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާއި ގުޅިގެން އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން މީސްމިޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވި ޚަބަރު އަޑު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ހަމަ އެހެންމެ، މުޢިއްޒުއަކީ ތެލެސީމިއާ ކުދިންގެ ޙައްޤުގައި ކެނޑިނޭޅި ވަކާލާތުކުރެއްވި، ހީވާގި، ހިންގުންތެރި، އަދި ޒުވާނުންނަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ބޭފުޅެއް ކަމަށާއި، އެމަނިކުފާނާއި ބައްދަލުވި ކޮންމެ ފަހަރަކުވެސް ފެނިގެންދިޔައީ ކަންކަމުގައި އިސްނެންގެވުމާއި އޯގާތެރިކަންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ޕޯސްޓް ނިންމަވާލެއްވީ، މާތްﷲ މަރްޙޫމުގެ ފުރާނައަށް ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ، މި ހިތާމަވެރި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.