ދުނިޔެ
ޚަރަދު ކުޑަކުރުމަށް ލަންކާގައި ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި
ލަންކާގެ މަގެއް/ފޮޓޯ: ޖަފްނާ މޮނިޓަރ
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ޚަރަދު ކުޑަކުރުމަށް ސްރީ ލަންކާގައި ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ސްރީ ލަންކާގެ ސަރުކާރުން ވަނީ، ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިކަމާއި ގުޅިގެން ލަންކާގެ ކޮމިޝަނަ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް ޕްރަބާތު ޗަންދުރަކީރްތީ ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން ދައުލަތުގެ މުއައްސަސާތައް ހުޅުވާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށެވެ. އަދި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަކި އުޞޫލެއް ކަނޑައަޅަން ދެން މިގޮތަށް ޢަމަލުކުރަމުން ގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ ޤައުމުގެ ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރާނެއެވެ. ހަމަ އެއާއެކު، ޔުނިވަސިޓީތަކާއި ކޯޓުތަކާއި ޝަރުޢީ ދާއިރާގައި ހިމެނޭ އެހެނިހެން ތަންތަން ވެސް މި ދުވަހު ބަންދުވާއިރު، ސަރުކާރުގެ އިވެންޓުތައް މުއްދަތެއް ނެތް ގޮތަށް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އަމިއްލަ ކުންފުނިތަކުން ވެސް މިގޮތަށް ޢަމަލުކުރުމަށް ލަންކާގެ ސަރުކާރުން ވަނީ އިރުޝާދު ދީފައެވެ.
ތެލުގެ އަގަށް އަންނަމުންދާ ބޮޑު ބަދަލާއި ގުޅިގެން، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގޭގައި ބައިތިއްބައިގެން މަސައްކަތް ކުރުމުގެ ވިސްނުން ވެސް އެޤައުމުގެ ސަރުކާރުން ގެންގުޅެއެވެ.