ޚަބަރު
ޚިޔާލު ހޯދުމުގެ ވޯޓު ނަގާނީ ޤާނޫނުއަސާސީގެ އުޞޫލުތަކާ އެއްގޮތަށްކަަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފި
ބަންޑާރަނައިބު/ފޮޓޯ: ރައީސް އޮފީސް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ނަގާނީ ޤާނޫނުއަސާސީގެ އުޞޫލުތަކާ އެއްގޮތަށްކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ކުރިއަށްދާނެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ ޤާނޫނުއަސާސީއަށް ގެނައުމަށް މިދިޔަ މަހުގެ 10 ގައި ފާސްކޮށްފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓެއް ކަމަށެވެ.
ހަމަ އެހެންމެ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަކީ ރިޔާސީ އިންތިޚާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމާއި ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭ ގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 5 އަހަރު ދުވަހަށް ވުރެ ކުރު ކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީން ރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނުއަސާސީއަށް ގެންނަ ބައެއް އިޞްލާޙުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަޞްދީޤުކޮށް ޢަމަލުކުރަން ފެށޭނެ އިޞްލާޙުތަކެއް ނޫން ކަމަށާއި، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤުކުރުމުން ކަމަށާއި، 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިޞްލާޙު ކުރާނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ވާނީ، އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން އެ އިޞްލާޙެއް ގެނައުމަށް ފެންނަކަމުގައި ނިންމައިފިނަމަކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އެވެ. ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކުރުމަށްޓަކައި، އިޞްލާޙުކުރެވޭ މާއްދާއަކީ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށޭނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީގު ކުރަން ފެންނަ ނަމައެވެ.
ބަންޑާރަ އޮފީހުގެ ބަޔާނުގައި ވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން އެކަން ކަނޑައަޅަންވާނެ ކަމަށާއި، އެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތާއި، އެ މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ހިމަނަންވާނެ ކަމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު މި އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން، މިދިޔަ މަހުގެ 16 ގައި ރައީސް ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤަރާރު ނެރުއްވާފައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ޤާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، އަދި އެކަމާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނުއަސާސީން މިކަމާއި ގުޅިގެން ތަސައްވުރުކުރާ ޝަރުޠު ފުރިހަމަވާގޮތަށްކަމަށްވެސް އޭޖީގެ ބަޔާނުގައިވެއެވެ. އެހެންކަމުން ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް ޢަމަލުކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވިދާޅުވިއެވެ.