ޚަބަރު
ހުޅުމާލޭ ގެއެއްގައި ހިނގި އަލިފާނުގެ ޙާދިސާއަކާއި ގުޅިގެން އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދީފި
އަލިފާނުގެ ހާދިސާ ހިނގި ތަން/ފޮޓޯ: އެންޑީއެމްއޭ
ހުޅުމާލޭ ގެއެއްގައި ހިނގި އަލިފާނުގެ ޙާދިސާއަކާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ހުޅުމާލެ ލޮޓް - 11395 ގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު ހަވީރު 18:00 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ. އަދި އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން އެ ގޭގެ އެއް ކޮޓަރި އަނދައިގެން ގޮސްފައިވާ ކަމަށާއި، އެ ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިންގ ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާކަމަށް އެ އޮތީރިޓީން މަޢުލޫމާތުދެއެވެ.
އަލިފާނުގެ ހާދިސާގެ އަދާހަމަ: އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން ގޭގެ އެއް ކޮޓަރި ވަނީ އަނދައިގެން ގޮސްފައި. އަދި ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރުކޮންމެވެސް ވަރަކަށްކޮށްފައިވޭ. މި އޮތޯރިޓީގެ ފަރާތުން މި ގޭގައި ދިރިއުޅެމުން ދިޔަ 7… pic.twitter.com/oFFDZqFiZN
— NDMA Maldives (@NDMAmv) March 17, 2026
މީގެ އިތުރުން އެންޑީއެމްއޭއިން ވިދާޅުވީ، އެ ގޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީ އިން ކުރަމުންދާ ކަމަށެވެ. އަދި އެގޭގައި ދިރިއުޅެމުން ދިޔައީ 7 މީހުން ކަމަށާއި އޭގެތެރޭގައި ކުޑަކުއްޖެއްވެސް ހިމެނޭ ކަމަށް އެންޑީއެމްއޭ އިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އެ ޢާއިލާއަށް ފައިސާގެ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
އެންޑީއެމްއޭއިން އެ ގޭގައި ދިރިއުޅެމުން ދިޔަ 7 ފަރާތްތަކަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ވަނީ ހަމަޖައްސާދީފައެވެ.