ޚަބަރު
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ތާޢީދުކޮށްފި
އަދާލަތު ޕާޓީގެ ބައްދަލުވުން/ފޮޓޯ: އަދާލަތު
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ތާޢީދުކުރާކަން އެ ޕާޓީން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
އެ ޕާޓީން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއިއެކު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އަދާލަތު ޕާޓީން ތާޢީދު ކުރާނެ ގޮތް ހާމަކޮށްފައެވެ.
އެގޮތުން، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު، އަދާލަތު ޕާޓީން ބުނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު، 4 އެޕްރީލް 2026 ގައި ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، "ފެންނަކަމަށް" ވޯޓު ދެއްވުމަށް ތާޢީދުކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
ދެ އިންތިޚާބު އެއްކޮށްލުމަށް ފެންނަކަމަށް ރާއްޖޭގެ ބޮޑު 4 ސިޔާސީ ޕާޓީއަކުން ތާޢީދުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއާއި، ޖުމްހޫރީ ޕާޓީ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) އެވެ.
އަދި ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ގިނަ ޕާޓީތަކުން ތާޢީދުކުރާ މައިގަނޑު ސަބަބަކީ، އެކަމުގެ ސަބަބުން އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދުކުޑަކުރުން ކަމަށް އެ ޕާޓީތަކުން މަޢުލޫމާތުދެއެވެ.