ޚަބަރު
އިންތިޚާބުތައް ގިނަވުމުން ސިޔާސީ ނުތަނަވަސްކަން އުފެދި، ޤައުމުގެ ހަމަޖެހުމަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރޭ: އުޝާމް
ބަންޑާރަ ނައިބު--
ރާއްޖޭގައި އިންތިޚާބުތައް ގިނަވުމުން ސިޔާސީ ނުތަނަވަސްކަން އުފެދި، ޤައުމުގެ ހަމަޖެހުމަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރަމުންދާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިފަދައިން ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން އެންމެ ބޮޑު އިސްކަމެއް ދެނީ އެ ޤައުމެއްގެ ސިޔާސީ ހަމަޖެހުމަށް ކަމަށެވެ. ނަމަވެސް، ރާއްޖޭގައި އަބަދުވެސް ކޮންމެވެސް އިންތިޚާބެއްގެ ފޯރި އޮތުމަކީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އޮތް ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ރިޔާސީ އިންތިޚާބަށް ފަހު އެންމެ 6 މަސްދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ޖެހުމަކީ، އަލަށް އަންނަ ސަރުކާރަކަށް ޤައުމު ހިންގުމަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ދިނުމަށް އޮތް ހުރަހެއްކަމަށް ވިދާޅުވިއެވެ.
އިންތިޚާބުތަކާ ގުޅުންހުރި މި މައްސަލައަށް އެކަށޭނެ ޙައްލެއް ހޯދުމުގެ ގޮތުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވޭ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް އަދުގެ ސަރުކާރުން ނިންމާފައިވާއިރު، މި އިޞްލާޙާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، މި އިޞްލާޙުގެ ދަށުން މަޖިލީހުގެ އާ ދައުރު ފެށޭ ތާރީޚަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަސްކަމުގައި ހަމަޖެހިގެންދާނެ ކަމަށެވެ. ހަމަ މިއާއެކު، އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ގާތްގަނޑަކަށް 2 ހަފުތާ ތެރޭގައި އައު މަޖިލިސް ވެސް ހުވާކުރަންޖެހޭނެ އެވެ.
މި ބަދަލަކީ ވޭތުވެދިޔަ 15 އަހަރުގެ ތަޖުރިބާއަށާއި، ކުރެވިފައިވާ ދިރާސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މައްޗަށް ބިނާކޮށް ގެނެވޭ ބަދަލެއް. އަބަދުވެސް ރާއްޖޭގައި މިއޮންނަނީ ކޮންމެވެސް އިންތިޚާބެއްގެ ވާދަވެރިކަމެއް. އެކަމުގެ ނޭދެވޭ އަސަރު ހަގީގަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވެސް އެބަކުރޭ.
ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ ސިޔާސީ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ، އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ، މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މަންދޫބުންގެ މެދުގައިވެސް މިކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކުރެވިފައިވާ ކަމަށާއި، ކޮމިޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކާއި އެހެނިހެން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދައި، އާންމުންގެ ޚިޔާލަށްވެސް މިކަން ހުޅުވާލެވުނުކަން ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ، މި ބިލު ފާސްވުމަށްފަހުވެސް، ރައްޔިތުން ހޭލުންތެރިކުރުވުމަށް 45 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު މިކަމުގެ މަޢުލޫމާތު ފެތުރުއްވުމަށް ބަންޑާރު ނައިބު ގޮވާލެއްވިއެވެ.