Ads by PNC

ޚަބަރު

60 ދުވަހުގެ ތެރޭގައި އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކުރަން އަންގައިފި

60 ދުވަހުގެ ތެރޭގައި އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކުރަން އަންގައިފި

މާލެ ސިޓީގައި ދުއްވާ ވެހިކަލްތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މާރިޗު 2026، 12:24

18 މާރިޗު 2026، 12:24

އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދަށް ގެނައި އިސްލާޙާއެކު، ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކުރުމަށް 60 ދުވަހުގެ މުއްދަތެއް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ދީފިއެވެ.

މި ބަދަލަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރު ދިނުމަށާއި، އުޅަނދު ރަޖިސްޓްރީ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގެނައި ބަދަލެކެވެ.

މި ޤަވާއިދުގައި "އިލެކްޓްރިކް އުޅަނދު" ނުވަތަ އީވީގެ ގޮތުގައި މާނަކޮށްފައިވަނީ، އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައި، ހަމައެކަނި ބެޓެރީގެ ހަކަތަ ނުވަތަ އިލެކްޓްރިކް މޮޓޯއެއް ބޭނުންކޮށްގެން ދުއްވާ އުޅަނދުތަކަށެވެ. މި ބަދަލުގެ ސަބަބުން މަގުމަތީގައި ދުއްވާ އެހެނިހެން އުޅަނދުތަކާއި އިލެކްޓްރިކް އުޅަނދުތައް ވަކިކުރަން ފަސޭހަވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އަލަށް ތަޢާރަފްކުރި ނަންބަރު ބޯޑުތަކުގެ ނަމޫނާއަށް ބަލާއިރު، އަމިއްލަ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރަން ޖެހޭނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ ލިޔުމެވެ. ނަމަވެސް ތިމާވެއްޓާ ރައްޓެހި ޓެކްސީ އުޅަނދުތަކުގައި ބޭނުންކުރާނީ ފެހި ކުލައިގެ ބޯޑެއްގައި ރީނދޫ ކުލައިގެ ލިޔުމެވެ. ބަޔާންކޮށްފައިވާ މިންގަނޑުތަކާ ޚިލާފަށް ނަންބަރު ބޯޑު ހަރުކުރުމާއި، ދިއްލޭ ކުލަތައް ބޭނުންކޮށްގެން ބޯޑު ތައްޔާރުކުރުމަކީ މަނާ ކަމެކެވެ.

ސަރުކާރުން އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިންގައިވެސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އީވީ ކާރުތަކެވެ. އެގޮތުން ފުރަތަމަ ބުރުގައި 150 ކާރު ގެނައުމަށް ވަނީ ނިންމާފައެވެ. މި ބަދަލަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މިހާރު ރާއްޖޭގައި ބޭނުންކުރާ އެހެނިހެން ނަންބަރު ބޯޑުތަކަށް ބަލާއިރު، އަމިއްލަ އުޅަނދުތަކުގައި ކަޅު ކުލަ، ސިފައިންގެ އުޅަނދުތަކުގައި ހުދު ކުލަ، ޑިޕްލޮމެޓިކް އުޅަނދުތަކުގައި ނޫ ކުލަ އަދި ޓެކްސީތަކުގައި ރީނދޫ ކުލަ ބޭނުންކުރެއެވެ. މީގެ އިތުރުން، ޤަވާއިދަށް ގެނައި އާ އިސްލާޙުގެ ދަށުން ބައެއް ބަރު އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ މަރުޙަލާއަށްވެސް ލުއިފަސޭހަތަކެއް ވަނީ ތަޢާރަފުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450