ޚަބަރު
7 ރަށެއްގައި ގާއިމުކޮށްފައިވާ 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ބޭނުންކުރަން ފަށަން ތައްޔާރުވަނީ
ފެހެންދޫގައި ގާއިމްކޮށްފައިވާ ސޯލާ ޕީވީ ނިޒާމު
ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއްގައި ގާއިމުކޮށްފައިވާ 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖެއިން އިޢާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.
ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓައިގެން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި މަޝްރޫޢުގެ އެންމެ ބޮޑު އެއް މަޤުސަދެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދިގުދެމިގެންދާ ތަރައްގީއަށް މަގުފަހިވެ، ޤައުމުގެ އިޤްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
"ޕަވަރ ޕަރޗޭސް އެގްރީމަންޓް"ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ހުރީ އޮޕަރޭޝަނަށް ގެނައުމުގެ އެންމެ ފަހުގެ މަރުހަލާގައެވެ. މި މަޝްރޫއު ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީގެ އިތުރުން ބ. އޭދަފުށި، ޅ. ހިންނަވަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގައެވެ. މީގެ އިތުރުން، ވަކި އީ.ޕީ.ސީ ކޮންޓްރެކްޓްތަކެއްގެ ދަށުން ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތްވެސް މި ރަށްތަކުގައި ދަނީ ކުރަމުންނެވެ.
މި އިންވެސްޓްމަންޓްތަކަކީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހިންގާ "އެސްޕަޔަރ" އަދި "އެރައިޒް" މަޝްރޫއުގެ ބައެކެވެ. މި މަޝްރޫއުތަކުގެ ދަށުން ރާއްޖޭގެ 21 ރަށެއްގައި 43 މެގަވޮޓްގެ ސޯލާ ޕީވީ އާއި 40 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސަރުކާރުން ހިންގާ "ޕޮއިސްޑް" ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމް ވަނީ ގާއިމްކޮށްފައެވެ.
މި ހުރިހާ މަސައްކަތްތަކެއްގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.