ޚަބަރު
ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
ހިމަންދޫ ޞިއްޙި މަރުކަޒުގެ ލެބޯޓަރީގެ ޚިދުމަތް ފެށުން. ފޮޓޯ:ޕީއެސްއެމް
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މި ޚިދުމަތް ފެށުމަށްޓަކައި ހިމަންދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ހިމަންދޫ ކައުންސިލްގެ އިސްވެރިންގެ އިތުރުން ސިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ އެ މަރުކަޒުގެ އެސްއެމްޓީއާ ބައްދަލުކުރައްވައި، މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޘިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ އެއްގޮތަށް، މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ނެތް 76 ރަށެއްގައި މިއަހަރު ތެރޭގައި އެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހިމަންދޫއަކީ މި މަޝްރޫޢުގެ ދަށުން ޚިދުމަތް ފެށުނު 12 ވަނަ ރަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރުއްޔާ ޑރ. މުހައްމަދު މުޢިއްޒު އެންގެވި ގޮތަށް މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފަ ނެތް ރަށްރަށުގައި ވީހާވެސް އަވަހަކަށް މި ޚިދުމަތް ޤާއިމްކޮށް ނިންމާލުމަށް،" ކަމަށާއި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބާކީ ހުރި ހުރިހާ ރަށެއްގައިވެސް މި ޚިދުމަތް ފެށުން ކަމަށެވެ.
ހިމަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށުމާއެކު، މީގެ ކުރިން އާންމު ޓެސްޓުތައް ހެދުމަށް އެހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެއެވެ. މީގެ ސަބަބުން ރަށުގައި ތިބެގެން ލޭ އެޅުމާއި އާންމު ޓެސްޓުތައް ހެދުމުގެ ފުރުޞަތު ލިބި، ރައްޔިތުންގެ ޖީބަށް ލުއިވެ، ޞިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.