ޚަބަރު
އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު: 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް މާލީ އެހީތެރިކަން ދީފި
އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު
ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަކޮށްގެން 2019 ވަނަ އަހަރު ގާއިމްކުރި އެސްޑީއެފްސީ، ނުވަތަ މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު، ފާއިތުވި މުއްދަތުގައި ރާއްޖޭގެ 4،000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް އެ މުއައްސަސާއިން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ މުއައްސަސާގެ ގޮތުގައި ފާހަގަކުރެވޭ އެސްއެމްއީ ޑިޖިޓަލްގެ އެހީތެރިކަން މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. 2019 ވަނަ އަހަރު 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރަން ފެށި ނަމަވެސް، މިހާރު އެ އަދަދު ވަނީ 10 މިލިއަން ރުފިޔާއާ ހަމައަށް އިތުރުކޮށް، ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
އެކި ދާއިރާތަކަށް ހާއްސަ ފައިނޭންސިންގ ފުރުސަތުތައް
އެސްއެމްއީ ޑިޖިޓަލްގެ ޕްރޮޑަކްޓްތައް ބައްޓަންކޮށްފައިވަނީ ވިޔަފާރީގެ އެކި މަރުހަލާތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ގޮތަށެވެ. މީގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ހިނގަމުންދާ ވިޔަފާރިތައް ތަރައްގީކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ހާއްސަ ސްކީމްތައް ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާ ގުޅިގެންވެސް ތަފާތު ގިނަ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ.
މި މާލީ އެހީތެރިކަމުގެ ސަބަބުން ޒުވާނުންނާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާ ހިޔާލުތައް އާމްދަނީ ލިބޭ ވިޔަފާރިތަކަށް ބަދަލުކުރުމަށް ބޮޑެތި ފުރުސަތުތަކެއް ވަނީ ހުޅުވިފައެވެ. ވަކިން ހާއްސަކޮށް، އަންހެން ވިޔަފާރިވެރިން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަކީ މި މުއައްސަސާގެ މުހިންމު އަމާޒެކެވެ.
ޑިޖިޓަލް އިގްތިސާދާއި ފަތުރުވެރިކަމަށް އިސްކަންދިނުން
ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިސާދަށް އެއްބާރުލުން ދިނުމުގެ ގޮތުން، ކޮންޓެންޓް ކްރިއޭޓަރުންނާއި ފޮޓޯގްރާފަރުން ފަދަ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ޓެކްނޮލޮޖީ ހޯދުމަށްވެސް ފައިނޭންސިންގ ފޯރުކޮށްދެއެވެ. ހަމައެއާއެކު، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އުޅަނދުފަހަރު ހޯދުމަށްވެސް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި، ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި މިހާރު ހިންގަމުންދާ ތަންތަން ފުޅާކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ އިންތިޒާމު ދާދިފަހުން ހަމަޖެއްސުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިން ދޫކޮށްފައިވާ ލޯނުތައް އިސްލާމިކް ފައިނޭންސިންގ އުސޫލަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފައިއެވެ.
އެސްއެއްމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ "އެސްއެމްއީ ޑިޖިޓަލް އިން ފާއިތުވީ 7 އަހަރު ދުވަހު މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީ ވިޔަފާރިތަކާއި ގާތުން. އެގޮތުން 4000 އަށް ވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ ހައްލު ފޯރުކޮށްދީ އެ ވިޔަފާރިތަކުގެ ތަރައްގީގެ ބައިވެރިއެއް ގޮތުގައި ހަރަކާތްތެރިވީ ފަހުރުވެރިކަމާ އެކު.
ނަތީޖާއެއްގެ ގޮތުން، އެސްއެމްއީ ޑިޖިޓަލްގެ މާލީ އެހީއާ އެކު ގިނަ ދާއިރާތަކުން ވިޔަފާރީގެ އާ ފެށުންތަކެއް ފެށިއްޖެ. ޒުވާނުން ވިޔަފާރީގައި ހަރަކާތްތެރިވުމާއި އާމްދަނީ ހޯދޭނެ ގޮތްތަކެއް މަގުފަހިކޮށްދެވިއްޖެ. އަންހެނުންނަށް ހާއްސަކޮށްގެން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ސަބަބުން އަންހެނުންނަށް މާލީގޮތުން މިނިވަންކަން ލިބި އާއިލާތަކަށް ގަދަރުވެރި ދިރިއުޅުމެއް އުޅޭނެ މަގު ތަނަވަސްކޮށްދެވިއްޖެ. ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ރާއްޖޭގެ އިގްތިސާދުގައި ކުދި ވިޔަފާރީގެ ހިއްސާ ކުރިއަށް ވުރެ ބޮޑަށް އިތުރު ކޮށްދެވިއްޖެ" އެވެ.
މުސްތަގުބަލާ މެދު އަޅުގަނޑުމެން ކުރާ އުންމީދު ބޮޑު. އަޅުގަނޑުމެން ހީވާގީ މުވައްޒަފުންގެ ބައިވެރިވުމާއި އެކު ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށް، ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް މުއައްސަސާއަށް ވުމަށް އަޅުގަނޑުމެން މިވަނީ އަޒުމް ކަނޑައަޅާފަ" އެވެ.
ގައުމުގެ އިގްތިސާދު ފުޅާވަމުންދާ މި ދަނޑިވަޅުގައި، ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަކަމާއެކު އިގްތިސާދީ މަންފާ ލިބިދިނުމުގައި ކުންފުނިން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. ވިޔަފާރިވެރިންނަށް ބޭނުންވާ އެކި ބާވަތުގެ ފައިނޭންސިންގ ޕްރޮޑަކްޓްތައް ބަލައިލުމާއި، އެއަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މިހާރު އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދޭނެއެވެ.