ޚަބަރު
ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މިރޭ އޮންނާނެ
ރޯދައަށް ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
މިއަހަރުގެ ރަމަޟާން މަސް ނިމި، ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ. މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ޝައްވާލް މަހުގެ ހަނދު ބެލުމުގެ ކަންކަން ކުރިއަށްދާނީ އެހެން އަހަރުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިންނެވެ. އެގޮތުން ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ އިންތިޒާމްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިހާރު ވަނީ ހަމަޖައްސާފައެވެ.
ޑީޖޭއޭއިން ވިދާޅުވީ، ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަންވާނީ މާލޭގައިނަމަ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ނުވަތަ މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ އެ ވަގުތަކު ކޯޓާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ މާރިޗު 18 ގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަހެވެ. ނަމަވެސް އީދު ދުވަސް ރަސްމީކޮށް ކަނޑައަޅާނީ މިރޭ ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާގައެވެ.