ޚަބަރު
މާދަމާއަކީ ފަހު ރޯދަ، ފިޠުރު ޢީދަކީ ހުކުރު ދުވަސް
ޢީދުގެ ޙަރަކާތްތައް/ފޮޓޯ: ޓައިމްސް އެމްވީ
މާދަމާއަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާއި، މިއަހަރުގެ ފިޠުރު ޢީދަކީ މިމަހުގެ 20 ވާ ހުކުރު ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.
ހުކުރު ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވައި، އިޢުލާންކުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އެ ވުޒާރާއިން ނެރުއްވި ބަޔާނުގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލުމަހުގެ ހަނދު ނުފެންނަ ކަމަށެވެ. އަދި އިސްލާމީ ޤައުމުތަކަށް ވެސް ޝައްވާލުމަހުގެ ހަނދު ނުފެންނަ ކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ. އެހެންކަމުން، މާރިޗު 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ރަމަޟާން މަހެކޭ އެއްފަދައިން ޝައްވާލު މަހުގެ ހަނދުބެލުމަކީ ވެސް އިސްލާމީ ޤައުމުތަކުގައި ކޮންމެ އަހަރަކުވެސް ކުރަންޖެހޭ މުހިންމު ކަމަކަށްވާއިރު، ކޮންމެ ހަނދު މަހެއްގެވެސް ދިގުމިނަކީ ކުރުވެގެން 29 ދުވަސް އަދި ދިގުވެގެން 30 ދުވަހެވެ.